އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ އަމީނީ މަގުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މާލޭ ސިޓީގެ ކުރީގެ މޭޔަރު މައިޒާން އަލީ މަނިކާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލީ މަނިކު (މޫކޭ) އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑަބްލިޔުއެސްސީގެ ސީއީއޯ ހަސަން ޝާހާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި މާލޭ ސިޓީ މޭޔަރު، ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.

މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މޫކޭ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތް މަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި ނަމަވެސް މަސައްކަތްކުރާނީ އެ މުއްދަތުގެ ކުރިން މަގުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.

އަމީނީ މަގު ތަރައްގީކުރަނީ ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަވާނެ ގޮތަކަށް ކަމަށާއި އެގޮތުން އެމަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގަކީ މާލޭގެ މައި ކަރަންޓު ކޭބަލާއި، މައި ފެން ހޮޅި އާއި ދިރާގު އަދި އުރީދޫގެ މައި ކޭބަލް އަޅާފައިވާ މަގަށްވުމުން މަގުގެ މަސައްކަތްކުރާއިރު އެ ހިދުމަތްތަކަށް ބުރޫ އަރާނެކަމަށް މޫކޭ ވިދާޅުވިއެވެ.

"މާލޭގެ މައި ކަރަންޓު ކޭބަލްތައް ހުރީ މިމަގުގައި. އެމްޑަބްލިޔުއެސްސީގެ މައި ހޮޅިތައް ހުރީ މިމަގުގައި. ދިރާގު އުރީދޫ މައި ހުރިހާ ކޭބަލްތަކެއް ހުރީ މިމަގުގައި. އެއާއެކީގައި އަޅުގަނޑުމެންގެ މިމަސައްކަތް ކުރިއަށްދާއިރުގައި އަސާސީ ހިދުމަތްތަކަށް އުނދަގޫ ދަތިތައް ކުރިމަތިވާނެކަން އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލުކުރެވޭ،" މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ، މާލޭގެ މަގުތަކުގައި އަޑި އޮތްގޮތް އެއްވެސް ފަރާތަކަށް ނޭނގޭނެ ކަމަށާއި މަގު އޮތްގޮތް އެނގޭނީ ވެސް އަދި ކުރަންޖެހޭ މަސައްކަތުގެ ބޮޑުކުޑަމިން އެނގޭނީވެސް މަގު ކޮންނަން ފެށުމުން ކަމަށެވެ. މަގު ހަދާއިރު މާލޭގެ ބިމުގެ އަޑިވެސް ހަމައަކަށް އަޅުވައި މަގު ބޭނުންކޮށްގެން އަސާސީ ހިދުމަތްދޭ ފަރާތްތަކަށް ފަސޭހަވާނެ އިންތިޒާމުތަކެއް އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ހަމަޖައްސާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގުގައި އެއްކޮށް ތާޅު އަޅަން ހަމަޖެހިފައިވާ ކަމަށާއި އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތި ހަރުކުރާނެ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ. ވިއްސާރަ ދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ކުރާ ޝަކުވާއަކީ އަމީނީ މަގުގައި ފެން ބޮޑުވުމުގެ ސަބަބުން ކުރާ ޝަކުވާ ކަމަށާއި، އަލަށް ގާއިމުކުރާ ފެން ހިންދާ ނިޒާމާއެކު އެ ޝަކުވާތަކަށް ނިމުމެއް އަންނާނެކަމަށް މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތާ ގުޅިގެން ސިޓީ ކައުންސިލާއި އާރުޑީސީއާ ދެމެދު ކުރިން ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އެކަންތައް މިހާރު މަޝްވަރާކޮށް ހައްލުކޮށްފައިވާ ކަމަށް މޫކޭ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުމުން ސިޓީ ކައުންސިލުން ވަނީ އެއީ ކޮރަޕްޝަންގެ އަމަލެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމުގެ އިތުރުން އާރުޑީސީ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހެދި އެއްބަސްވުން ބާތިލުކުރަން ވަނީ ކޯޓަށް ހުށަހަޅައިފައެވެ. ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު 210 މިލިއަން ރުފިޔާއަށެވެ.

އެކަމާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލާއެކު އަމީނީ މަގު ހެދުމުގެ އެއްބަސްވުމެއް އޮތްއިރު އަލުން އާރުޑީސީއާ ހަވާލު ނުކުރެވޭނެ ކަމަށާއި އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރުމަށް އާރުޑީސީން ސިޓީ ކައުންސިލަށް ހުށަހެޅި އަގަކީ 39 މިލިއަން ރުފިޔާ ކަމަށެވެ.

ފަހުން މޫކޭ ވިދާޅުވެފައިވަނީ 39 މިލިއަން ރުފިޔާއަށް މަގު ހަދައިދޭން އެއްބަސްނުވީ އެ އަގަށް ރަނގަޅު ފެންވަރެއްގައި މަގު ނުހެދޭނެތީ ކަމަށެވެ.