ފްރާންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން ރޭ ކުޅުނު މެޗުގައި މޮނާކޯ ކައިރީ އެއްވަރު ވެއްޖެއެވެ.
ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ސީޒަނުގެ މިހާތަނަށް ޕީއެސްޖީއަށް ތިން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ޕީއެސްޖީން ތާވަލުގެ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ބޮޑު ތަފާތަކުންނެވެ. ރޭ މޮނާކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކުޅުނު ތިން މެޗުންވެސް ޕީއެސްޖީ މޮޅުވެފައި އޮތީ ބޮޑު ކޮށެވެ.
ހާއްސަކޮށް އެޓީމުގެ އެޓޭކް ލައިނުން ސީޒަނުގެ މިހާތަނަށް ފެނިފައި ވަނީ ކޮމްބިނޭޝަން ރަނގަޅު ނުރައްކާތެރި ކުޅުމެކެވެ. ދުނިޔޭ ފުޓުބޯޅައިގެ އެންމެ އަގުބޮޑު، އަދި އެންމެ ނުރައްކާތެރި އެޓޭކް ލައިން އޮތް ޕީއެސްޖީން ރޭގެ މެޗުގައި ނެރުނު ފުރަތަމަ 11 ގައިވެސް ނޭމާއާއި ލިއޮނަލް މެސީ އަދި ކިލިއަން އެމްބާޕޭވެސް ހިމަނާފައިވެއެވެ. އޭގެ އިތުރުން މެދުތެރޭގައި ރެނާޓޯ ސަންޗޭޒްވެސް ފާހަގަކޮށްލެވުނެވެ.
މެޗު އެޓޭކް ވަރުގަދަކޮށް ފެށީ ޕީއެސްޖީން ނަމަވެސް ކައުންޓާ އެޓޭކްގައި ލީޑު ނެގީ މޮނާކޯއިންނެވެ. ޕީއެސްޖީގެ ޑިފެންސިވް ލައިން ވަރަށް ބޮޑަށް ކުރިއަށް ޖެހި އޮތް ވަގުތެއްގައި މެދުތެރެއިން އެލެސެންޑްރާ ގޮލޮވިން ކުރިއަށް ދުއްވާލި ބޯޅައިގައި ގޯލު ޖެހީ ކެވިން ވޮލަންޑެވެ. ވޮލަންޑް ގޯލު ޖެހީ ޕްރިންސެލް ކިމްޕެންބޭ ކައިރިން ދެމިގަނެގެންނެވެ.
އެ ގޯލަށްފަހުވެސް ޕީއެސްޖީން ކުރިއަށް ޖެހި ނަތީޖާ ހަމަހަމަ ކުރަން ބުރަކޮށް މަސައްކަތް ކުރިއެވެ. އެޓޭކް ލައިނުން ކުރިއަށް ޖެހި ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ނިންމާލުން ގޯސްވެ އެޓީމަށް މާޔޫސްކަމާ ކުރިމަތިވިއެވެ. މެސީއަށް ލިބުނު ދެ ފުރުސަތެއް ބޭކާރުވި އިރު، އޭނާ ޖެހި ބާރު ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތުމުން މުޅިން ހުސްކޮށް އޮވެ އެމްބާޕޭ ފޮނުވާލި ބޯޅަވެސް ދިޔައީ ބޭރަށެވެ.
ޕީއެސްޖީއަށް ބައްޔެއް ނުވެ ނިންމާލެވުނީ މެޗުގެ 70 ވަނަ މިނެޓުގައި ނޭމާ ޖެހި ޕެނަލްޓީންނެވެ. އެ ޕެނަލްޓީއަކީ މޮނާކޯ ޑިފެންޑަރު ނޭމާއަށް ފައުލް ކޮށްގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ