ފްރާންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން 7-1 އިން ލިލް ބަލިކޮށްފިއެވެ.

މީގެ ދެ ސީޒަން ކުރިން 2020-21 ވަނަ އަހަރު ސީޒަނުގެ ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދި ލިލް ކޮޅަށް ރޭ ޕީއެސްޖީން ހަތް ގޯލު ޖެހި އިރު، މެޗުގައި ޕީއެސްޖީ ތަރި ކިލިއަން އެމްބާޕޭ ވަނީ ހެޓްރިކް ހަދައިފައެވެ. ހާއްސަކޮށް ރޭގެ މެޗު ފެށިގެން އަށްވަނަ ސިކުންތުގައި އެމްބާޕޭ ގޯލު ޖަހާފައިވާ އިރު، އެ ގޯލަކީ ފްރެންޗް ލީގުގެ ތާރީހުގައިވެސް ފެނުނު ދެވަނައަށް އެންމެ އަވަސް ގޯލެވެ.

ޕީއެސްޖީން މެޗުގެ އަށްވަނަ ސިކުންތުގައި ޖެހި ގޯލަކީ މެޗު ފަށަން ކޮއްޓާލި ބޯޅައިގައި، ލިއޮނަލް މެސީ ކުރިއަށް ދުއްވާލި ތުރޫ ބޯޅަ، ގޯލްކީޕަރު ބޯމަތިން ގޯލަށް އޮއްސާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހީ މެސީއެވެ. ނޫނޯ މެންޑޭޒް ދިން ބޯޅަ އޭރިއާ ތެރެއިން ހަމަޖެހިލާފައި މެސީ ގޯލަށް ވައްދާލި އިރު، މެޗުގެ 39 ވަނަ މިނެޓުގައި ނޭމާ ދިން ބޯޅައަކުން އޭރިއާ ތެރެއިން އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީގެ ތިންވަނަ ގޯލު ޖަހައިފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ދިން ބޯޅައެއް އޭރިއާ ތެެރެއިން ހޯދައި، ނޭމާ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ.

ދެ ވަަނަ ހާފު ފެށިގެން ހަތް މިނެޓް ތެރޭ ނޭމާ ވަނީ އިތުރު ގޯލެއް ޖަހައި، ޕީއެސްޖީއަށް ފަސްވަނަ ގޯލެއް ކާމިޔާބުކޮށްދީފައެވެ. އޭގެ ދެ މިނެޓް ފަހުން ލިލްގެ ހަމައެކަނި ގޯލު، އެޓީމުގެ ޖޮނަތަން ބާމްބާ ކާމިޔާބުކޮށްދިނެވެ.

ޕީއެސްޖީން ދެން މެޗުގައި ޖެހި ދެ ގޯލުވެސް ޖެހީ އެމްބާޕޭއެވެ. އެ ގޯލުތަކާއެކު ޕީއެސްޖީން ބޮޑު މޮޅެއް ހޯދި އިރު، ތިން މެޗުން ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ފްރާންސް ލީގުގެ އެއްވަނައިގައެވެ. ޕީއެސްޖީން މިހާތަނަށް ކުޅުނު ތިން މެޗުގައި 16 ގޯލު ޖަހައިފައިވާ އިރު، އެޓީމު ކޮޅަށް ވަނީ އަދި އެންމެ ދެ ގޯލެވެ.

ޕީއެސްޖީން ގިނަ ގޯލުތަކެއް ސީޒަނުގައި ޖަހަމުންދާ އިރު، އެ ޓީމުގެ އެޓޭކް ތިން ކުޅުންތެރިން ކަމަށްވާ ނޭމާއާއި އެމްބާޕޭ އަދި މެސީގެ ފަރާތުން މިހާތަނަށް ސީޒަނުގައި ފެންނަމުން ދަނީ ތަފާތު މޮޅު ކުޅުމެކެވެ.