އަންނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް އެމްޑީޕީ ނޫން އިތުރު ބަޔަކަށް ކާމިޔާބުވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ހަވީރު ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސް ވަރަސްވެސް ފުރިހަމަ ގޮތެއްގައި ނިމިގެންދާއިރު އެންމެންގެ އަމާޒަކަށްވާންވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކަމަށެވެ. އަދި ވިދާޅުވީ ވާދަވެރި ރިޔާސީ ކެންޑިޑޭޓުން ބަލިކުރުމަށް އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ،އެއް އަޒުމެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު އެމްޑީޕީން ކަނޑައަޅާނެ ކަމަށެވެ. އަދި އެކަން ކުރަންވީ ގޮތުގެ ގަވާއިދު އެމްޑީޕީގައި އެބައޮތް ކަމަށެވެ.

"އެ އުސޫލުގެ ތެރެއިން އަޅުގަނޑުމެން އިންތިހާބުކުރާ ޕާޓީން ކަނޑައަޅާ ކެންޑިޑޭޓު ގޮވައިގެން އަޅުގަނޑުމެން އެންމެ އެކުގައި ނުކުންނަންވާނީ. މިއީ ބޮޑު ޕާޓީއެއް، މިއީ ތާއިދު ބޮޑު ޕާޓީއެއް، މިއީ ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް. އަޅުގަނޑު ހިތުން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް އަޅުގަނޑަކަށް ނުފެނޭ." ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީއަކީ އިންތިޒާމުވެގެން ރޭވިފައި އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ގޮފިތަކާއި ކޮމިޓީތައް އެބަހުރި ކަމަށެވެ. އެހެންކަމުން ދެން ކުރަންޖެހޭ މަސައްކަތަކީ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.