އެމްޑީޕީގެ ކޮންގްރެސް ފެށުނުއިރު އެޕާޓީގެ ތެރޭގައި ޓެންޝަން ބޮޑު ކަމަށާއި ނަމަވެސް ކޮންގްރެސް ނިމިގެން މިދަނީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްގައި އެންމެ ބޮޑު ހިޔާލުފާޅުކުރުމަކަށްވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވި ގަރާރެވެ. މިއަދު އެކަމާ ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފައްޔާޒް ވަކިން ކުރެއްވި މަޝްވަރާތަކަށްފަހު، ރައީސް ނަޝީދު ވަނީ އެ ގަރާރު އަނބުރާ ނަންގަވައިފައެވެ.

ކޮންގްރެސްގައި މިއަދު ހަވީރު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ގަރާރު ހުށަހެޅުއްވުމުގެ ކުރިން ރައީސް ސޯލިހާ މަޝްވަރާކުރައްވާފައިވާ ކަމަށާއި އަދި އެ މަޝްރާގައި ނިންމާފައިވަނީ ބަރުލަމާނީ ނިޒާމުގެ މަޝްވަރާތައް އަދި އިތުރަށް ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭގޮތުގަ މިހާރު މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވައި އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް އަދި ރައީސުލްޖުމްހޫރިއްޔާ އާއި އަދި ތި ހުރިހާ ބޭފުޅުންނާއެކު މަޝްވަރާކޮށްގެން އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެންމަނަށް ރަނގަޅު ގޮތެއް، އެންމަނަށް ގަބޫލުވޭ ގޮތެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިޔާސީ ލީޑަރުންގެ ގޮތުގައި ތިއްބަވާއިރު ހިޔާލުތަފާތުވުން ހުންނާނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން އަމިއްލަފުޅަށް ބޭނުންވާ ކަންކަން ވެސް ހުންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮންމެ މީހަކު ތަފާތު ވިސްނުންތަކާ ތަފާތު ފިކުރުތަކެއް ހުންނާނެ ބައެއް. އަދި ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހުރޭ، އަމިއްލަޔަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުރޭ. އެހެން ނަމަވެސް މި ހުރިހާކަމެއް އެއްކިބާކޮށް އަޅުގަނޑުމެން ޕާޓީއާއެކީގަ މިގައުމާއެކީގެ ކުރިއަށްދާން ތިބިކަން މިއަދު ވެސް މިތަނުން ހާމަވެގެން މިދިޔައީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ނިމިގެން މިދިޔައީ ވަރަށް ފުރިހަމަ ކޮންގްރެސްއެއް ކަމަށާއި ކޮންގްރެސްގައި ބައިވެރިވި 1،200 އެއްހާ ކޮންގްރެސްމަނުން މިއަދު ސޯޝަލް ސެންޓަރުން ނުކުމެވަޑައިގަންނަވަނީ ވަރަށް އުފަލުން ކަމަށެވެ. އެމްޑީޕީން ދެން މަސައްކަތްކުރަންވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ނޫން ބަޔަކަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.