ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ހުރި ހާލަތުން އޭނާ އަމިއްލައަށް ދާން ބޭނުމީ ވަކި ކްލަބަކަށޭ ބުނެ، އެ ކްލަބަށް ނުދެވޭނެ ކަމަށް ތަޖުރިބާކާރު ނޫސްވެރިޔާ ގުލެމް ބަލާގޫ ބުނެފިއެވެ.
މިދިޔަ ސީޒަނަށް ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ގޮސް، ސީޒަން ނިންމާލީ 24 ގޯލު ޖަހައިގެންނެވެ. ރޮނާލްޑޯއަށް އެންމެ ދަށް ސީޒަނެއް ނޫން ނަމަވެސް، މިސީޒަނަށް ރޮނާލްޑޯ މަސައްކަތް ކުރީ ކްލަބު ދޫކޮށްލުމަށެވެ. އެއީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ކަމަށް ބުނެއެވެ. މިސީޒަނުގައި ޔުނައިޓެޑުން ޔޫރަޕުގައި ކުޅޭނީ ޔޫރޮޕާ ލީގު ކަމަށްވީ އިރު، ރޮނާލްޑޯގެ އެޖެންޓް ވަނީ ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަކަށް ރޮނާލްޑޯ ގެންދަން ބުރަކޮށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.
ޔުނައިޓެޑުގެ ކޯޗުކަމާ އަލަށް ހަވާލުވި އެރިކް ޓެން ހާގު ކުރިން ބުނެފައިވަނީ ރޮނާލްޑޯ ވިއްކާލަން ބޭނުން ނުވާ ކަމަށާއި އޭނާގެ ޕްލޭންގައި ރޮނާލްޑޯ ހިމެނޭ ކަމަށެވެ. އެހެންނަމަވެސް ޔުނައިޓެޑުގެ ޕްރީ ސީޒަނުގައިވެސް ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އަދި ކްލަބާ ގުޅުނީ ސީޒަން ފެށުމަށް ހަފުތާއަކަށް ވެފައި ވަނިކޮށެވެ. މިހާރުގެ ހާލަތުން ރޮނާލްޑޯގެ ސަބަބުން ޓީމުގެ ރޫހަށް އަސަރު ކުރުމުގެ ވާހަކަތަކެއްވެސް ވަނީ މީޑިއާގައި ދެކެވިފައެވެ.
ރޮނާލްޑޯގެ ހާލަތާ ގުޅިގެން ބީބީސީ ސްޕޯޓްސްއަށް ވާހަކަދައްކަމުން ބަލާގޫ ބުނެފައިވަނީ ރޮނާލްޑޯ ޔުނައިޓެޑުގައި މަޑު ނުކުރަންވީ އެތައް ސަބަބެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ދާނެ ވަކި ކްލަބެއްވެސް ނެތް ކަމަށް އޭނާ ބުންޏެވެ.
"ރޮނާލްޑޯ ޔުނައިޓެޑުގައި މަޑު ނުކުރަންވީ ވަރަށް ބައިވަރު ސަބަބުތައްވެސް އެބަހުރި. ރޮނާލްޑޯ ދާން ބޭނުންވާކަންވެސް ސާފުކޮށް އެނގޭ. އެހެންވީމަ ޓެން ހާގު ރޮނާލްޑޯ ފޮނުވާލަން ބުނާ ހިސާބުން މިހާރު ރޮނާލްޑޯ ފޮނުވާލަން ޔުނައިޓެޑުގެ ބޯޑުންވެސް ފަސް ޖެހޭނެ ކަމަކަށް ނުބެލެވޭ. ރޮނާލްޑޯ އުމުރުން 41 ވަންދެން ކުޅެން ބޭނުން. އެކަމަކު މިހާރު އަމިއްލައަށް ބޭނުންވަނީ މިވެނި ކްލަބަކަށޭ ކިޔާފަ އެ ކްލަބަކަށް ރޮނާލްޑޯ ދާނެ ގޮތެއް ނެތް،" ބަލާގޫ ބުންޏެވެ.
ބަލާގޫ އިތުރަށް ބުނީ އެތުލެޓިކޯއަށް ރޮނާލްޑޯ ގެންދިޔުމަކީ ޑިއޭގޯ ސިމިއޯނީ ބޭނުންވާ ކަމެއް ނަމަވެސް، ކްލަބުގެ ސަޕޯޓަރުން އެކަމާ ދެކޮޅު ކަމަށެވެ. އަދި ކްލަބުގެ ސިސްޓަމަށް ރޮނާލްޑޯ ފިޓް ނުވާ ކަމަށްވެސް ބަލާގޫ ފާހަގަކުރިއެވެ.
މި ދަނޑިވަޅުގައިވެސް މީޑިއާގައި ރޮނާލްޑޯގެ ތަފާތު ވާހަކަތައް ވަރަށް ބޮޑަށް ދެކެވެމުންދާ އިރު، ރޮނާލްޑޯ ދާދިފަހުން ބުނެފައިވަނީ "ގިނަ ވާހަކަތަކަކީ ދޮގު" ކަމަށާއި "ވަރަށް އަވަހަށް ހަގީގަތްތައް" ހާމަކުރާނެ ކަމަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ