ޕޯޗުގަލްގެ ކެޕްޓަން އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި މިހާރު ގައުމީ ޓީމުގެ ކޯޗު، ޖޯޖް ޖީސަސްއާ ދެމެދު ޖެހުނު މައްސަލައިގެ ތަފުސީލު ހާމަކޮށް ރޮނާލްޑޯ ބޮޑު ބަޔާނެއް ނެރެފިއެވެ.

އިންސްޓަގްރާމްގައި އާންމުކުރި ބަޔާނަކީ ގާތްގަނޑަކަށް 2000 ބަހުގެ ބަޔާނެކެވެ. ރޮނާލްޑޯ ވަނީ ގައުމީ ޓީމު ދޫކޮށްލަން ޖެހުނު ސަބަބުވެސް އެ ބަޔާނުގައި ބުނެފައެވެ. މިވަގުތުވެސް ރިޓަޔާވާން ބޭނުން ނުވާ ކަމަށާއި، މިހާރުވެސް މައާފަށް އެދިފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ބުނީ އޭނާއަށް އަދަބު ދޭން ޖެހޭ ކަމަށާއި، އެކަން ކުރުމަކުން މައްސަލައެއްވެސް ނެތް ކަމަށެވެ.

ޕޯޗުގަލުން ރޮނާލްޑޯއާ ނުލައި ޑެންމާކު ބަލިކޮށްފައިވާ އިރު، އެ މެޗުގެ އެއް ދުވަސް ކުރިން ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްލީ ކުއްލިއަކަށެވެ. ނޭޝަންސް ލީގުގައި ޕޯޗުގަލްއިން އޭގެ ކުރިން ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ އެއް ހާފުގައި އެއްކޮށް ކަހަލަ ގޮތަކަށް ރޮނާލްޑޯ ވާމް އަޕް ކުރި ނަމަވެސް، މެޗަށް ނެރެފައެއް ނުވެއެވެ.

ގައުމީ ޓީމު ދޫކޮށްލުމަށްފަހު ރޮނާލްޑޯގެ ރަސްމީ ސޯޝަލް މީޑިއާގައި ބުނީ ކޯޗުގެ ޕްރެސްއާ ގުޅިގެންނާއި، ޕޯޗުގަލް ފެޑަރޭޝަނުގެ ރައީސާ ދެއްކި ވާހަކަތަކަށްފަހު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕޯޗުގަލްގެ ރައްޔިތުންނަށް އެކަމުގެ ހަގީގަތް ހާމަކުރާނެ ކަމަށާއި، އަބަދުވެސް ގައުމީ ޓީމަށް 100 ޕަސެންޓް ދީފައިވާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ޑެންމާކު މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ޖޯޖް ޖީސަސްއާ އަމާޒުވި އެއް ސުވާލަކީ އޭގެ ކުރިން މެޗުގައި ރޮނާލްޑޯ ނާރުވައި، ބެންޗުގައި ބޭންދީ ކީއްވެތޯއެވެ. އެ މެޗަށް ނެރެން ރޮނާލްޑޯ ވާމް އަޕް ކުރި ނަމަވެސް ފުރުސަތު ނުދިނީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރިއެވެ.

ޖަވާބުގައި ޖޯޖް ޖީސަސް ފާހަގަކުރީ އޭނާއަށް ވަކި ކުޅުންތެރިޔަކަށްވުރެ މުހިއްމީ ޓީމު ކަމަށާއި، ކޮންމެ ނިންމުމެއް ނިންމާނީ އަމިއްލަ ވިސްނުމަށް ކަމަށެވެ. ފުޓުބޯޅައިގައި ކިތަންމެ ބޮޑު ޝަހުސިއްޔަތެއް ނަމަވެސް، ވަކި ހާއްސަ ކަންކަމެއް ފަހިކޮށްނުދެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ރޮނާލްޑޯގެ ބަޔާން ފަށާފައި ވަނީ މިއަހަރު ވޯލްޑް ކަޕް ނިމުނު ހިސާބުންނެވެ. އޭނާ ބުނީ ވޯލްޑް ކަޕް ފަހުން ސިޓީއެއް ތައްޔާރުކޮށް، ރައްޔިތުންނަށް ހާއްސަ މެސެޖަކާއެކު ރިޓަޔާވާން ވިސްނި ނަމަވެސް، އެކަން ނުކުރީ ގައުމީ ޓީމުން އެދުމުން ކަމަށެވެ. މިހާރުގެ ކޯޗު، ޖޯޖް ޖީސަސްވެސް ތަކުރާރުކޮށް ބައްދަލުކޮށް ބުނީ ގައުމީ ޓީމަށް ބޭނުންވާ ކަމަށް ކަމަށެވެ.

އެހިސާބުން ގައުމީ ޓީމަށް ނުކުމެ، މިފަހަރު އިންޓަނޭޝަނަލް ބްރޭކަށް ކޯޗާއެކު އެއްބަސްވީ ފުރަތަމަ މެޗާއި ފަހު މެޗު ކުޅެން ކަމަށް ރޮނާލްޑޯ ބުންޏެވެ. ފުރަތަމަ މެޗުގައި ކުޅުނުތަނާ، ނޯވޭ މެޗުގައި 30 މިނެޓު ކުޅެން ޖެހޭނެ ކަމަށް ކޯޗު ބުނި ކަމަށާއި، އެކަމަށް ތައްޔާރުވެގެން ހުއްޓާ އެމެޗުގައި ކުޅެން ފުރުސަތު ނުދިން ކަމަށް ރޮނާލްޑޯ ބުންޏެވެ. މިފަހަރު އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކޯޗު އުޅުނީ ރޮނާލްޑޯ އަވޭ މެޗުތަކަށް ނުގެންދަން ކަމަށާއި، އެކަން އެއީ ކަމުދާ ގޮތެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ. ނުކުޅުނަސް ޓީމުގެ ކެޕްޓަން ޓީމާއެކު ހުންނަން ޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ކުއްލިއަކަށް ޓީމު ދޫކޮށްލީ އިތުރަށް ކޯޗަށް އިތުބާރު ގެއްލުނަ ނުދޭން ކަމަށެވެ. "ދެ ފަހަރަށް އޮޅުވާލުމުން ދެން މަޑު ކުރަން ބޭނުން ނުވީ،" ކަމަށް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ބުނީ މިހާރު ގައުމީ ޓީމު ދޫކޮށްލެވުމުން އެކަމަށް މައާފަށް އެދިފައިވާ ނަމަވެސް، އެކަމުގައި ދޭން ޖެހޭ ހަރުކަށި އަދަބަށް ތައްޔާރު ކަމަށެވެ.

ޕޯޗުގަލް ކޯޗުވެސް އެންމެފަހުން ކުޅުނު މެޗަށްފަހު ބުނީ ރޮނާލްޑޯއަށް އަދިވެސް ގައުމީ ޓީމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

ރޮނާލްޑޯ އިތުރަށް ބުނީ ސަސްޕެންޝަނެއް އަންނަ ނަމަ، އެ ސަސްޕެންޝަން ނިމުނުހާ އަވަހަކަށް ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ. ރިޓަޔާކުރަން އަދި ނުވިސްނާ ކަމަށް ރޮނާލްޑޯ ބުންޏެވެ.