ޕޯޗުގަލްގެ ކެޕްޓަން އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި މިހާރު ގައުމީ ޓީމުގެ ކޯޗު، ޖޯޖް ޖީސަސްއާ ދެމެދު ޖެހުނު މައްސަލައިގައި، ގައުމީ ޓީމުން އޭނާ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ޕޯޗުގަލްގެ މީޑިއާތަކުން ބުނެފިއެވެ.
ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ މައްސަލަ ޖެހިގެން ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްލީ ކުއްލިއަކަށެވެ. ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ޕޯޗުގަލްގެ ކޭމްޕް ދޫކޮށްލުމަށްފަހު ރޮނާލްޑޯ ބުނީ ކޯޗުގެ ޕްރެސްއާ ގުޅިގެންނާއި، ޕޯޗުގަލް ފެޑަރޭޝަނުގެ ރައީސާ ދެއްކި ވާހަކަތަކަށްފަހު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕޯޗުގަލްގެ ރައްޔިތުންނަށް އެކަމުގެ ހަގީގަތް ހާމަކުރާނެ ކަމަށާއި، އަބަދުވެސް ގައުމީ ޓީމަށް 100 ޕަސެންޓް ދީފައިވާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.
އޭގެފަހުން އިންސްޓަގްރާމްގައި ބަޔާނެއް އާންމުކޮށްފައިވާ އިރު، އެ ބަޔާނަކީ ގާތްގަނޑަކަށް 2000 ބަހުގެ ބަޔާނެކެވެ. ރޮނާލްޑޯ ވަނީ ގައުމީ ޓީމު ދޫކޮށްލަން ޖެހުނު ސަބަބުވެސް އެ ބަޔާނުގައި ބުނެފައެވެ. މިވަގުތުވެސް ރިޓަޔާވާން ބޭނުން ނުވާ ކަމަށާއި، މިހާރުވެސް މައާފަށް އެދިފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ބުނީ އޭނާއަށް އަދަބު ދޭން ޖެހޭ ކަމަށާއި، އެކަން ކުރުމަކުން މައްސަލައެއްވެސް ނެތް ކަމަށެވެ.
މިފަހަރު އިންޓަނޭޝަނަލް ބްރޭކަށް ކޯޗާއެކު އެއްބަސްވީ ފުރަތަމަ މެޗާއި ފަހު މެޗު ކުޅެން ކަމަށް ރޮނާލްޑޯ އެ ބަޔާނުގައި ބުންޏެވެ. ފުރަތަމަ މެޗުގައި ކުޅުނުތަނާ، ނޯވޭ މެޗުގައި 30 މިނެޓު ކުޅެން ޖެހޭނެ ކަމަށް ކޯޗު ބުނި ކަމަށާއި، އެކަމަށް ތައްޔާރުވެގެން ހުއްޓާ އެމެޗުގައި ކުޅެން ފުރުސަތު ނުދިން ކަމަށް ރޮނާލްޑޯ ބުންޏެވެ. މިފަހަރު އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކޯޗު އުޅުނީ ރޮނާލްޑޯ އަވޭ މެޗުތަކަށް ނުގެންދަން ކަމަށާއި، އެކަން އެއީ ކަމުދާ ގޮތެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ. ނުކުޅުނަސް ޓީމުގެ ކެޕްޓަން ޓީމާއެކު ހުންނަން ޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ކުއްލިއަކަށް ޓީމު ދޫކޮށްލީ އިތުރަށް ކޯޗަށް އިތުބާރު ގެއްލުނަ ނުދޭން ކަމަށެވެ. "ދެ ފަހަރަށް އޮޅުވާލުމުން ދެން މަޑު ކުރަން ބޭނުން ނުވީ،" ކަމަށް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ބުނީ މިހާރު ގައުމީ ޓީމު ދޫކޮށްލެވުމުން އެކަމަށް މައާފަށް އެދިފައިވާ ނަމަވެސް، އެކަމުގައި ދޭން ޖެހޭ ހަރުކަށި އަދަބަށް ތައްޔާރު ކަމަށެވެ.
ޕޯޗުގަލްގެ ބައެއް ނޫސްތަކުން ބުނީ ރޮނާލްޑޯގެ އަމަލުތަކުގެ މައްސަލަ ބަލަން މިހާރު ގައުމީ ޓީމުން ފަށާފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުންދާ އިރުވެސް ރޮނާލްޑޯ ހުންނާނީ ސަސްޕެންޝަނުގައި ކަމަށް ގައުމީ ޓީމުން ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ. އަދި އެ މައްސަލަ "އާޖެންޓް" މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށްވެސް ޕޯޗުގަލްގެ "އޭ ބޯލާ" ކިޔާ ނޫހަކުން ރިޕޯޓު ކޮށްފައިވެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް