ރެއާލް މެޑްރިޑަށް ކުޅެމުން ދިޔަ ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ކަސެމީރޯ ގެންދިއުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ޔުނައިޓެޑުން ކަސެމީރޯގެ ސޮއި ހޯދާފައިވަނީ 70 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެއީ ޓްރާންސްފާ ފީގެ ގޮތުގައި 60 މިލިއަން ޕައުންޑުގެ އިތުރުން ބޯނަސް ފައިސާގެ ގޮތުގައި އިތުރު ދިހަ މިލިއަން ޕައުންޑެވެ. އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ކަސެމީރޯ ރެއާލް ދޫކޮށްލާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ރެއާލަށް ކުޅުމަށްފަހުއެވެ.

ރެއާލްއާއެކު 222 މެޗު ކުޅެފައިވާ ކަސެމީރޯ ވަނީ އެ ކްލަބާއެކު ތިން ފަހަރަށް ލަލީގާ ކާމިޔާބުކޮށް، ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ނަގައިފައެވެ. ކަސެމީރޯ ޔުނައިޓެޑަށް ދާން އެއްބަސްވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ޔުނައިޓެޑުން ބޭނުންނަމަ، އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރެވޭނެއެވެ.

ޔުނައިޓެޑުން ކަސެމީރޯއަށް ހުށަހެޅި އެއްބަސްވުމުގެ ފުރިހަމަ ތަފުސީލު އަދި މީޑިއާތަކުން ހާމަކޮށްފައި ނުވާ އިރު، އިތުބާރު ނޫސްތަކުން ބުނެފައިވަނީ އޭނާ ވެގެންދާނީ ޔުނައިޓެޑުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާގެ ގޮތުގައި ކަމަށެވެ.

ރެއާލުން އާ ޖީލަކަށް ތައްޔާރުވަމުންދާ ދިއުމުގައި ކަސެމީރޯ ނެތް ދުވަހަކަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. 2025 ވަނަ އަހަރާ ހަމައަށް ކަސެމީރޯ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން އޮތް ނަމަވެސް، އެ ކްލަބުން ވަނީ ޒުވާން މިޑްފީލްޑަރު އޮރެލިއަން ޗުއެމިނީ ފުރަތަމަ 11 އަށް ފައްކާ ކުރަން ފަށައިފައެވެ.

ޔުނައިޓެޑަށް މިސީޒަންގެ ފެށުން ވަރަށް ބޮޑަށް ދަށްކޮށް ގޮސްފައިވާ އިރު، ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބޮޑުކޮށް ބަލިވެ، އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ. އެރިކް ޓެން ހާގު ޔުނައިޓެޑުގެ މެދުތެރެ ރަނގަޅު ކުރުމަށް ކުޅުންތެރިޔަކު ހޯދަން ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، މީގެ ކުރިން ގެންދަން މަސައްކަތް ކުރި އެޑްރިއަން ރެބިއޯ އަދި ފްރޭންކް ޑިޔޯންގާ އެކުވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ޔުނައިޓެޑަށް ދެން ލީގުގައި އޮތް މެޗަކީ ހޯމަ ދުވަހުގެ ރޭ ލިވަޕޫލާ ދެކޮޅަށް އޮތް މެޗެވެ. އެ މެޗުގައި ކަސެމީރޯ އަދި ނުފެންނާނެ ކަމަށް ބެލެވެއެވެ. ކަސެމީރޯ އިނގިރޭސިވިލާތަށް ދިއުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެއީ ވިސާގެ ކަންކަން ނިންމައި މެޑިކަލް ފުރިހަމަ ކުރުމަށެވެ.