ޚަބަރު

ނަޝީދާއެކު މަސައްކަތް ކުރަން ޕީޕީއެމް/ޕީއެންސީން އެއްބަސްވެދާނެ ކަމަށް ގަބޫލެއް ނުކުރަން: ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފިކުރު ވަރަށް ތަފާތު ކަމަށާއި ނަޝީދާއެކު މަސައްކަތް ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެއްބަސްވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ނޫސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ޔާމީން ރޭ ވިދާޅުވީ ވަކި ބޭފުޅަކާއެކު މަސައްކަތް ކުރުމުގެ ކަންކަމަކީ އެމަނިކުފާނަށް އެކަނި ނިންމެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދުގެ ވިސްނުންފުޅު ވަރަށް ތަފާތު ކަމަށާއި ދެ ބޭފުޅުންގެ ގަބޫލުކުރާ ގަބޫލުކުރެއްވުންތައް ވަރަށް ތަފާތު ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ނޯމްސް އާއި އިސްލާމީ ސިފަތަކެއް ހިމެނޭ ރާއްޖޭގެ ވެއްޓަށް ފެތޭވަރުގެ ޑެމޮކްރަސީއަކަށް ނޫން ރައީސް ނަޝީދު އެޑްވޮކޭޓް ކުރައްވަނީކީ،" ޔާމީން ވިދާޅުވިއެވެ.

"ރައީސް ނަޝީދާއި އަޅުގަނޑާ ސިޔާސީ ގޮތުން އެއްބަސްވެވޭ އެއް އިސްލާހަކީ ދިވެހި ރާއްޖެއަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމެކޭ. އެކަމަކު ރާއްޖޭގައި އޮންނަންވީ ލިބްރަލް ވެލިޔުސް އާއި ނޯމްސް އާއި އިސްލާމްދީންގެ ބޮޑެތި އުސޫލީ މައްސަލަތައް ދަމަހައްޓާނެ މިންވަރާއި ލިބެރަލިޒަމް އޮންނާނެ މިންވަރާ ނޫނިއްޔާ ކިހާވަރެއްގެ މިންވަރަކަށްތޯ އިސްލާމްދީނުގެ ސިފަތައް އެކުލެވޭ ޑިމޮކްރަސީއެއް އޮންނަން ވާނީ. މީގައި އަޅުގަނޑުމެންނާއި ރައީސް ނަޝީދާ ހިޔާލު ވަރަށް ތަފާތު،"

ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ވިސްނުންފުޅާއި އެމަނިކުފާނުގެ ވިސްނުންފުޅު އެއްގޮތް ނޫން ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެ ފިކުރުތަކުގައި ދެބޭފުޅުން އެއްގަލަކަށް އަރައިވަޑައިގަނެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާތަން ފެނުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ޕީޕީއެމްގެ ސެނެޓަކުން، ޕީޕީއެމްގެ ސެނެޓަކުން ރަސްމީގޮތެއްގައި ފާސްކުރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ނަޝީދާއެކީގައިވެސް ރައީސް ސޯލިހާއެކުވެސް ކޯލިޝަނެއް ހަދާފާނެ ކަމަކަށް. ނުވަތަ ސިޔާސީ ގޮތުން އެއްވެސް މަސައްކަތެއް ކުރުމަށް އެއްބަސްވުމަކަށް އަންނާނެ ކަމަކަށް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ބައިބައިވުމުގެ ތެރެއިން ބައެއް މަސައްކަތްތައް އެކުގައި ކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ. ޔާމީން ވިދާޅުވީ ސިޔާސީ ފައިދާއަށްޓަކައި ކޮންމެ ބޭފުޅަކުވެސް ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު އިންތިހާބަށް ކުރިމަތިނުލައްވާނަމަ، އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކާއެކު ބައެއް މަސައްކަތްތައް ކުރިޔަށް ހިނގައިދާނެ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންކަމެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.