ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް މީޑިއާގައި ފެތުރެމުންދާ އިރު، މިވަގުތު މެންޗެސްޓާ ޔުނައިޓެޑުން ބޭނުން ވަނީ އޭނާ ލޯނު އެއްބަސްވުމެއްގައި ފޮނުވާލަން ކަމަށް ބައެއް މީޑިއާތަކުން ބުނެފިއެވެ.
ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން މަސައްކަތްތަކެއް ކުރަމުންދާކަން އޭނާގެ އެޖެންޓް ޖޯޖު މެންޑޭޒްގެ ފަރާތުން ވަނީ އެނގިފައެވެ. މެންޑޭޒް ވަނީ ރޮނާލްޑޯ ބޮޑެތި ގިނަ ކްލަބުތަކަށް ހުށަހަޅާފައިވެސް މެއެވެ. ބެލެވޭ ގޮތުގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން އެންމެ ބޮޑަށް ބޭނުންވާ އެއް ސަބަބަކީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ ކުޅެން ބޭނުންވުމެވެ. ޔުނައިޓެޑަށް ޔޫރަޕްގެ މުބާރާތަކަށް އަންނަ ސީޒަނުގައި ކުޅެވޭނީ ޔޫރޮޕާ ލީގެވެ. ޔޫރަޕުގައި ވިދާލި ފަހުން މިހާތަނަށް އެއްވެސް ސީޒަނެއްގައި ރޮނާލްޑޯ ޗެމްޕިއަންސް ލީގު ނުކުޅެ ދޫކޮށްލާފައެއް ނުވެއެވެ.
ރޮނާލްޑޯ ގެންދަން އަދި އެއްވެސް ކްލަބަކުން ރަސްމީކޮށް މަސައްކަތް ކޮށްފައި ނުވި ނަމަވެސް، ޔުނައިޓެޑްގެ ތަމްރީނުތަކަށް އަދިވެސް ރޮނާލްޑޯ ނުކުމެފައެއް ނުވެއެވެ. ކޯޗު އެރިކް ޓެންހާގު ބުނެފައި ވަނީ ރޮނާލްޑޯ ނުކުންނާނެ ތާރީހެއް އަދި ޔަގީންނުވާ ކަމަށެވެ.
ރޮނާލްޑޯގެ ޓްރާންސްފާގެ ވާހަކަތައް އެންމެފަހުން ދެކެވިފައި ވަނީ ސްޕެއިންގައެވެ. އެ ގައުމުގެ މަޝްހޫރު ނޫހެއް ކަމަށްވާ މަރްކާއިން ރިޕޯޓު ކޮށްފައިވާ ގޮތުން ރޮނާލްޑޯ ހޯދަން އެތުލެޓިކޯ މެޑްރިޑުން ކޮންމެވެސް ވަރަކަށް ވާހަކަތައް ދެއްކިއެވެ. އަލުން އެނބުރި އައިސް ސީޒަނެއް ފަހުން ރޮނާލްޑޯ އަނެއްކާވެސް އެހެން ކްލަބަކަށް ބަދަލުވާން މަސައްކަތް ކުރާތީ ޔުނައިޓެޑުން ހިތްހަމަނުޖެހިފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
މަރްކާއިން ބުނެފައި ވަނީ ޔުނައިޓެޑުން މިހާރު ބޭނުން ވަނީ ރޮނާލްޑޯ ޔުނައިޓެޑާއެކު ހާދާފައިވާ އެއްބަސްވުން 2024 އާ ހަމައަށް އާކޮށް، ކުރިއަށް އޮތް ސީޒަނުގައި ލޯނަށް ފޮނުވާލާށެވެ. ނަމަވެސް އެތުލެޓިކޯ މެޑްރިޑުން ލޯނަކަށް ރޮނާލްޑޯ ގެންދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށްވެސް ސްޕެއިންގެ ނޫސްތައް ބުނެފައިވެއެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ ނިންމާލި އިރު، އުމުރުން 37 އަހަރުގައި އޭނާ ވަނީ 18 ގޯލު ޖަހައިފައެވެ. ގޯލު ޖެހުމުގައި ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް މުހިއްމު ރޯލެއް ކުޅުނު ނަމަވެސް ގިނަ ކްލަބުތަކަށް އުނދަގޫ ވަނީ ބޮޑު މުސާރައިގައި ގެންދިއުމަށެވެ. އެއީ ރޮނާލްޑޯގެ އުމުރަށްވެސް ބަލައިފައެވެ.