ވޯލްޑް ކަޕްގެ "ގްރޫޕް ކޭ" ގައި ޕޯޗުގަލާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ބައްދަލުކުރި މެޗު 1-1 އެއްވަރުވުމާ އެކު އެތައް ބައެއް ފާޑުކިޔުންތައް ޕޯޗުގަލަށް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ޕޯޗުގަލްގެ ތަރި، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުވާ ފާޑުކިޔުންތައް އިތުރެވެ. ދަނޑުމަތީގައި އޭނާ ހުރި ކަމެއް ވެސް ނޭނގެއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ގޯލާ ވަރަށް ކައިރިން ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިހާރު ކުޅެމުންދަނީ އޭނާގެ ހަވަނަ ވޯލްޑް ކަޕްގައެވެ. މިއީ އާޖެންޓީނާގެ ލިއޮނެލް މެސީއާ އެއްވަރަށް އޭނާ ހިފަހައްޓަމުން އަންނަ ރެކޯޑެކެވެ. ނަމަވެސް މި މެޗުގައި އޭނާގެ ފަރާތުން ފެނުނު އާދައިގެ ކުޅުމުގެ ސަބަބުން، އޭނާގެ އެންމެ މޮޅު ދުވަސްވަރު ފާއިތުވެއްޖެ ކަމަށާއި ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ޓީމު ގޮވައިގެން ކުރިއަށް ދެވޭނެ ފެންވަރު މިހާރު ނެތް ކަމަށް ބުނާ ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 45 މިނެޓަށްވުރެ ގިނައިރު ކުޅުނު ޕޯޗުގަލްގެ ކުޅުންތެރިންގެ ތެރެއިން އެންމެ މަދުން ބޯޅަ ފައިގައި ޖެއްސީ ރޮނާލްޑޯއެވެ. ބްރޫނޯ ފެނާންޑޭޒާއި ވިޓީނިއާ އަދި ޖޮއާ ނެވޭސް ފަދަ ދުނިޔޭގައި މިހާރު ތިބި އެންމެ މޮޅު މިޑްފީލްޑަރުންނާ އެއް ޓީމަކަށް ކުޅެ، ރޮނާލްޑޯއަށް ބޯޅަ ލިބިފައި ވަނީ އެންމެ 25 ފަހަރުއެވެ. މިއާއެކު، އޭނާ ފުރަތަމަ އެގާރައިގައި ކުޅުވުމާ މެދު ނުވަތަ ބެންޗުން އެރުވުމާ މެދު އުފެދިފައިވާ ބަހުސް ވަނީ އަނެއްކާވެސް ހޫނުވެފައެވެ. ޕޯޗުގަލްގެ ކުރިއަށް ކުޅޭ މަގާމުތަކުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ރޮނާލްޑޯގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ. އޭނާ ބުނި ގޮތުގައި، ރޮނާލްޑޯއަށް ބޭނުންވާ އެހީތެރިކަން ދަނޑުމަތީގައި ލިބިފައެއް ނުވެއެވެ.
"ދަނޑުމަތީގައި ތިބޭ ހުރިހާ ކުޅުންތެރިންގެ ބޭނުން އަހަރެމެން ހިފަންޖެހޭ. އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިޔާ ހުންނަން ޖެހޭނީ ގޯލާ ކައިރީގައި، އަދި އަހަރެމެން ޖެހޭނެ އޭނާއަށް ބޯޅަ ފޯރުކޮށްދޭން،" މާޓިނޭޒް ބުންޏެވެ.
ރޮނާލްޑޯ ބަދަލުކުރުމާ މެދު ވިސްނިންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ކޯޗު މާޓިނޭޒް ބުނީ، ގޯލެއް ބޭނުންވެފައިވާ ހާލަތެއްގައި ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މޮޅު ގޯލު ޖެހުންތެރިޔާ ދަނޑުން ބޭލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މާޓިނޭޒް ފާހަގަކުރި ގޮތުގައި، ޕެނަލްޓީ އޭރިއާ ތެރޭގައި ރޮނާލްޑޯގެ ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެކެވެ. އޭނާ އިދިކޮޅު ޑިފެންޑަރުންގެ ސަމާލުކަން ހޯދާ ގޮތާއި، ހުސް ޖާގަތަކުގެ ބޭނުން ހިފާ ގޮތަކީ ޓީމަށް ފައިދާ ހުރި ކަންތައްތަކެއް ކަމަށް ކޯޗު ބުންޏެވެ. އަދި ގޯލު ޖަހަން ބޭނުންވާ ހާލަތްތަކުގައި ރޮނާލްޑޯ ދަނޑުމަތީގައި ހުރުން މުހިންމު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ރޮނާލްޑޯ ހަދާފައިވާ ރެކޯޑުތަކަށް ބަލާއިރު، އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 229 މެޗުގައި 143 ގޯލު ކާމިޔާބުކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ މަތީ ރެކޯޑެވެ.
މި ނަތީޖާއާއެކު ޕޯޗުގަލް ދެން ނުކުންނަން ޖެހޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އެންމެންގެ ސުވާލަކަށް މިހާރު ވެފައިވަނީ، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ފަބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ވަރުގަދައަށް ޑިފެންސިވް ގޭމެއް ކުޅޭ އުޒްބެކިސްތާނާ ދެކޮޅަށް ރޮނާލްޑޯއަށް ހާސިލުކުރެވޭނީ ވަކި ކޮންކަމެއްތޯއެވެ. އެ މެޗުން ނަތީޖާއެއް ނުނެރެވިއްޖެ ނަމަ، އެއީ ރޮނާލްޑޯގެ ކެރިއަރުގެ ފަހު ސަފުހާއަށް ވެސް ވެދާނެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް