ޔުވެންޓަސް

ޕޮގްބާ އާއި ޑިމަރިއާ އިއުލާންކުރަން ޔުވެންޓަސް ތައްޔާރުވެއްޖެ

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި އާޖެންޓީނާގެ ފޯވަޑް އެންހޭލް ޑިމަރިއާ ގެންދަން އެއްބަސްވުމަކަށް އައިސް، އެ ދެ ކުޅުންތެރިން ރަސްމީކޮށް އިއުލާނު ކުރަން ޔުވެންޓަސްއިން ތައްޔާރުވެއްޖެއެވެ.

އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި ޑިމަރިއާ ހިލޭ ގެންދަން ޔުވެންޓަސްއިން އެއްބަސްވެފައިވާ ކަމަށާއި މި ހަފުތާ ތެރޭ އޭނާ އިޓަލީއަށް ދާނެއެވެ. ޑިމަރިއާއާ އެކު ޔުވެންޓަސްއިން ވެފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެއްބަސްވުމުގެ ލިޔެ ކިޔުންތަކުގައި ސޮއިކުރަންވެސް މިހާރު ވަނީ ތައްޔާރުވެފައެވެ.

ޔުނައިޓެޑުގައި ހިތްހަމަ ނުޖެހުމުގެ ދެ ސީޒަނެއް ހޭދަކުރުމަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާ ޕޮގްބާވެސް ޔުވެންޓަސްއާ އަލުން ގުޅުމަށް މި ހަފުތާ ތެރޭގައި އިޓަލީއަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ޕޮގްބާއަކީ ކުރިންވެސް ޔުވެންޓަސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ.

ޔުނައިޓެޑްގެ އެކަޑެމީން އެ ކްލަބުގެ ސީނިއާ ޓީމަށް 2011 ވަނަ އަހަރު ތައާރަފުވި ޕޮގްބާ އެ ކްލަބަށް މަދު މެޗުތަކެއް ކުޅުމަށްފަހު ފުރަތަމަ ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. އެ ކްލަބުގައި 2016 ވަނަ އަހަރާ ހަމައަށް 124 މެޗު ކުޅުމަށްފަހު އޭނާ އެނބުރި ޔުނައިޓެޑަށް ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑު އަގެއްގައެވެ.

ޔުނައިޓެޑްގެ ފުރަތަމަ ސީޒަންތަކުގައި ޕޮގްބާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ޖޯސޭ މޮރީނިއޯގެ ކޯޗު ކަމުގައި އޭނާ ޕޮގްބާއާ މައްސަލަތަކެއް ދިމާވިއެވެ. އެ މައްސަލަތަކުގެ ސަބަބުން ޔުނައިޓެޑާ ދުރަށް ދާން ޕޮގްބާ މަސައްކަތް ކޮށްފައިވާ އިރު، މިދިޔަ ދެތިން ސީޒަނެއްގައި ޕޮގްބާ ފެނުނީ އަނިޔާގެ މައްސަލަތަކެއްގެ ވެސް ތެރޭގައެވެ.