އިޓަލީ ލީގުގައި ޔުވެންޓަސްއިން ކުޅުނު ފުރަތަމަ މެޗުގައި ޕާމާ ކައިރިން މޮޅުވެއްޖެއެވެ.

ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއިން ޕާމާ ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ޔުވެންޓަސް މޮޅުވި އިރު، ފަހު 10 ވަރަކަށް މިނެޓުގައި އެޓީމުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ 83 ވަނަ މިނެޓުގައި އަންދްރޭއާ ކަމްބިއާސޯއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ޖޮނަތަން ޑޭވިޑް ވަނީ ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ. ކެނެޑާގެ ފޯވަޑް ޖޮނަތަން ޑޭވިޑަކީ މި ސީޒަނަށް އެ ކްލަބާ ގުޅުނު ކުޅުންތެރިއެކެވެ. ޖޮނަތަން ޑޭވިޑް އެ ކްލަބާ ގުޅުނީ ލިލްއިންނެވެ.

ޔުވެންޓަސްގެ ދެވަނަ ގޯލު މެޗުގެ ފަހުކޮޅުގައި ޖަހައިދިނީ ޑޫސަން ވްލަހޮވިޗެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ކެނާން ޔިލްޑީޒްއެވެ.

ރޭ ކުޅުނު އިޓަލީ ލީގުގެ އިތުރު މެޗުތަކަށް ބަލާ އިރު، ސެސް ފެބްރިގަސް ކޯޗުކަން ކޮށްދެމުންދާ ކޯމޯއިން ވަނީ ލާޒިއޯ ބަލިކޮށްފައެވެ.