އިޓަލީ ލީގުގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން އަދި ޔުވެންޓަސްއިން ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ޔުވެންޓަސްއިން ރަށުން ބޭރުގައި ކްރެމޮނޭސް ކައިރިން 2-1 އިން މޮޅުވި އިރު، ރޭ އިންޓަ މިލާނުން ހެލާސް ވެރޯނާ ކައިިރިން ރަށުން ބޭރުގައި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އިންޓަގެ ވާދަވެރި އޭސީ މިލާނުން ރޭ ކުޅުނު މެޗުގައި ރޯމާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެއީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައެވެ.
ޔުވެންޓަސްއިން ރޭ ކުޅުނު މެޗުގެ ދެވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ފިލިޕް ކޮސްޓިކެވެ. އޭގެފަހުން ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުވެންޓަސްއިން ދެވަނަ ގޯލެއް ޖެހިއެވެ.
އަންދްރޭއާ ކަންބިއާސޯ ގޯލެއް ޖަހައި ލީޑު ފުޅާކުރި އިރު، ކްރެމޮނޭސްގެ ގޯލް ޖަހައިދިނީ ކުރިން ލެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރީ ޖޭމީ ވާޑީއެވެ. އޭނާ އެ ކްލަބަށް ދިޔައީ މި ސީޒަނަށެވެ.
އިންޓައިން ރަށުން ބޭރުގައި ކުޅުނު މެޗުގައި އެޓީމުން ފުރަތަމަ ހާފުގައި ލީޑު ނެގީ ޕިއޮޓާ ޒިއެލިންސްކީ ޖެހި ގޯލުންނެވެ. ހެލާސް ވެރޯނާއިން މެޗު އެއްވަރުކުރި އިރު، ޖިއޮވާނޭ ނަސިމެންޓޯ ޖެހި ގޯލް ފެނިގެން ދިޔައީ 40 ވަނަ މިނެޓުގައެވެ.
އިންޓައިން މެޗުން މޮޅުވި ގޯލް ފެނުނީ ފަހުވަގުތުއެވެ. އެ ގޯލަކީ ހެލާސް ވެރޯނާގެ މާޓިން ފްރެސޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މިލާނުން އަމިއްލަ ދަނޑުގައި ރޯމާ ބަލިކުރީ ފުރަތަމަ ހާފުގައި ސްޓްރަހިންޖާ ޕަވްލޮވިޗް ޖެހި ގޯލުންނެވެ. އޭގެފަހުން މެޗުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، މިލާން ތާވަލުގެ ތިންވަނައިގައި އޮތީ 10 މެޗުން 21 ޕޮއިންޓާއެކުގައެވެ.
އިންޓަ ދެވަނައިގައި އޮތީވެސް 10 މެޗުން 21 ޕޮއިންޓާއެކުގައެވެ. އަދި ހަތަރު ވަނައިގައި އޮތް ރޯމާ އަށްވެސް ލިބިފައި ވަނީ 10 މެޗުން 21 ޕޮއިންޓާއެކުގައެވެ. ތިން ޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ތަފާތެވެ.
މިވަގުތު އެއްވަނައިގައި އޮތް ނަޕޯލީއަށް 10 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ