އިޓަލީ ލީގުގައި ރޭ އިންޓަ މިލާނުން އުޑިނޭޒޭ ބަލިކުރި އިރު، ޔުވެންޓަސްއިން ކަގްލިއަރީ ބަލިކޮށްފިއެވެ.

ރޭ އިންޓައިން ރަށުން ބޭރުގައި 1-0 އިން އުޑިނޭޒޭ ބަލިކުރި އިރު، އެ މޮޅާއެކު އެއްވަނައިގައި ލީޑު ފުޅާކުރިއެވެ. އިންޓައިން 21 މެޗުން 49 ޕޮއިންޓް ހޯދާފައިވާ އިރު، އޭސީ މިލާން ދެވަނައިގައި އޮތީ 20 މެޗުން 43 ޕޮއިންޓާއެކުގައެވެ. މިލާނުން މިހަފުތާގައި ކުޅޭނީ ލެސޭއާ ދެކޮޅަށެވެ.

ސެރެއާ އޭ ތާވަލުގެ ތިންވަނައިގައި އޮތް ނަޕޯލީން 21 މެޗުން 43 ޕޮއިންޓް ހޯދާފައިވާ އިރު، ރޭ އެޓީމުން ސަސުއޯލާ ބަލިކުރީ 1-0 އިންނެވެ. ނަޕޯލީގެ ގޯލް ރޭ ޖަހައިދިނީ ސްޓަންސްލޭވް ލަބޮޓްކާއެވެ.

މެޗު ފެށިގެން މާގިނައިރެއް ނުވެ އިންޓައިން ނުރައްކާ ކުރިއެވެ. ލައުޓާރޯ މާޓިނޭޒް ކުރީކޮޅުގައި ފޮނުވާލި ހަމަލާ އުޑިނޭޒޭގެ ގޯލްކީޕަރު މަޑޫކާ އޮކޯޔޭ މަތަކުރި އިރު، އޭގެފަހުން ފެޑެރީކޯ ޑިމާކޯއާއި ނިކޮލާ ބަރޭލާގެ ނުރައްކާތެރި ހަމަލާތައް ދިޔައީ ގޯލާ އަމާޒު ނުވެއެވެ.

އެ ހަމަލާތަކުގެ ނަތީޖާއެއް ގޮތުން، 20 ވަނަ މިނެޓުގައި އިންޓައިން ލީޑު ނެގިއެވެ. އެ ގޯލް ޖެހީ އާޖެންޓީނާގެ ފޯވަޑް މާޓިނޭޒެވެ.

އޭގެފަހުން ދެވަނަ ހާފުގައިވެސް އިންޓައިން ނުރައްކާ ކޮށްފައިވާ އިރު، އެޓީމުން ތިން ޕޮއިންޓް ޔަގީންކޮށް ޗެމްޕިއަންސް ލީގު މެޗުގެ ކުރިން ފޯމު ދެމެހެއްޓިއެވެ.

އިންޓައިން ދެން ކުޅޭ މެޗުގައި ޗެމްޕިއަންސް ލީގުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.