ފުޓުބޯޅައިން 30 މަސް ދުވަހަށް ސަސްޕެންޑްކުރި އިޓަލީގެ ފަބިއޯ ޕަރަޓީޗީ، ސަސްޕެންޝަން ފުރިހަމަކޮށް އެނބުރި ޓޮޓެންހަމްގެ ސްޕޯޓިން ޑިރެކްޓަރު ކަމަށް ނުކުމެއްޖެއެވެ.
ޕަރަޓީޗީ ސްޕާސްގެ ސްޕޯޓިން ޑިރެކްޓަރުކަމާ ހަވާލުވެ، އެ މަގާމުން އިސްތިއުފާ ދިނީ 2023 ވަނަ އަހަރު އޭޕްރީލް މަހުގައެވެ. އޭނާގެ މައްސަލައިގައި އިޓަލީ ފުޓުބޯޅައިގެ މައި އިދާރާއިން ކޮށްފައިވާ ސަސްޕެންޝަނުގެ އިސްތިއުނާފު ކާމިޔާބު ނުވުމުންނެވެ. ޕަރަޓީޗީއަށް އިސްތިއުނާފު ކާމިޔާބު ނުވުމުގެ އިތުރުން، ފީފާއިން ވަނީ 30 މަހުގެ ސަސްޕެންޝަން ދަމަހައްޓާފައިވެސް މެއެވެ.
ޕަރަޓީޗީއަކީ ކުރިން ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރެވެ. އޭނާއަށް ސަސްޕެންޝަން އައިސްފައި ވަނީ އެ ކްލަބުން ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުގެ މައްސަލައެއްގައެވެ.
އެ މައްސަލަތައް ހިންގާފައި ވަނީ 2019 ވަނަ އަހަރުން 2021 ވަނަ އަހަރާ ދެމެދު ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. މައްސަލައިގެ ތަހުގީގު ނިންމައި އެ ކްލަބުގެ ޕޮއިންޓް އުނިކުރުމުގެ އިތުރުން މަތީ ފަޑީގެ ގިނަ ބަޔަކަށް ފިޔަވަޅު އެޅިއެވެ. އޭގެ ތެރޭގައި އޭރުގެ ސްޕޯޓިން ޑިރެކްޓަރު ފެޑެރީކޯ ޗެރުބީނީ 16 މަހަށް ސަސްޕެންޑްކޮށް، ޔުވެންޓަސްގެ ކުރީގެ ރައީސް އަންދްރެއާ އަގްނެލީ އާއި ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މައުރީޒިއޯ އަރިވަބީނޭ ދެ އަހަރަށް ސަސްޕެންޑްކުރުންވެސް ހިމެނެއެވެ.
އެ މައްސަލައިގެ ސަސްޕެންޝަން ފުރިހަމަކޮށް، ޕަރަޓީޗީ އަލުން ސްޕާސްގެ މަގާމާ ހަވާލުވުމަށްފަހު ބުނީ، ލޯބިވާ ކްލަބަކަށް އަލުން ފުޓުބޯޅަ މަސައްކަތް ކުރެވޭތީ އުފާކުރާ ކަމަށެވެ.
ސްޕާސްއިން ބުނީ މިދިޔަ ދުވަސްތަކުގައިވެސް ޕަރަޓީޗީ ހުރީ ކްލަބަށް ލަފާ ދޭ މީހެއްގެ ގޮތުގައި ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ