ލިވަޕޫލުގެ މިސްރު ފޯވަޑް، އުމުރުން 30 އަހަރުގެ މުހައްމަދު ސަލާހު އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފިއެވެ.
އެއްބަސްވުން އާކުރުމުގެ ވާހަކަތައް އެންމެ އެކަށޭނެ ގޮތެއްގައި ނުގޮސް އޮތުމުން، ސަލާހުގެ ލިވަޕޫލް ކުރިމަގަށް އޮތީ ހުރަސްތަކެއް އެޅިފައެވެ. އޭރު ހަބަރުތައް ބުނެފައިވާ ގޮތުން، ލިވަޕޫލުން ފުރަތަމަ ހުށަހަޅާފައިވާ ހުށަހެޅުން ސަލާހުގެ ފަރާތުން ގަބޫލުކޮށްފައެއް ނުވެއެވެ. އެއީ ސަލާހު ބޭނުންވާ އަދަދެއްގެ މުސާރަ ލިވަޕޫލުން ކަނޑައަޅާފައި ނުވާތީއެވެ.
ސަލާހު ދެ ފަހަރެއްގެ މަތިން ބުނެފައި ވަނީ "ބޭނުން ވަނީ ލިވަޕޫލުގައި މަޑުކުރަން ނަމަވެސް ކުރާ ޑިމާންޑް ލިވަޕޫލަށް އެނގޭނެ،" ކަމަށެވެ. އެހެންކަމުން އޭރު އޮތީ އަންނަ ސީޒަނުގައި ސަލާހު ލިވަޕޫލުގައި މަޑުކުރި ނަމަވެސް ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާ ކްލަބު ބަދަލު ކުރާނެ ކަހަލަ ގޮތަކަށެވެ.
ވާހަކަތައް ދިގުލައިގެން ގޮސް، ސަލާހުގެ އެއްބަސްވުން އާ ނުކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓުވެސް ކޮށްފައި ވަނިކޮށް އެއްބަސްވުން އާކޮށް އޭނާ ބުނީ އިތުރު ތަށިތައް ހޯދަން ބޭނުން ކަމަށާއި އެއްބަސްވުން އާކުރެވުމަކީ ހުރިހާ އެންމެނަށްވެސް އުފާވެރިކަން ގެނުވި ކަމެއް ކަމަށެވެ.
މިދިޔަ ސީޒަނުގައި 31 ގޯލު ޖަހާފައިވާ ސަލާހު 2017 ވަނަ އަހަރު ރޯމާއިން ލިވަޕޫލަށް ބަދަލުވި ފަހުން މިހާތަނަށް ކުޅުނު 254 މެޗުން 156 ގޯލު ޖަހައިދީފައިވެއެވެ. ސަލާހު ވަނީ ލިވަޕޫލާއެކު ޕްރިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ލީގު ކަޕް، އަދި ޔޫއެފާ ސުޕަ ކަޕާއި ކްލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ސަލާހު ބުރަކޮށް މަސައްކަތް ކުރި މިދިޔަ ސީޒަން ނިންމާލުމަށްފަހު ޗުއްޓީ ހޭދަކުރަން އައި މަންޒިލުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ އާއިލާ މެމްބަރުންނާވެސް އެކުގައެވެ.
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު