ޚަބަރު

މިއީ އިރުއަރާ އިރު އަދާލަތުގެ ޕާޓީގެ ވެރިކަމެއް، އިރު އޮއްސޭއިރު އެމްއާރްއެމްގެ ވެރިކަމެއް: އީވާ

މުހައްމަދު އިޝާން

އެމްޑީޕީގެ ފިކުރާއި ވިސްނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނެތްކަމަށާއި، މިއީ އިރު އަރާއިރު އަދާލަތު ޕާޓީގެ ވެރިކަމެއް ކަމަށާއި އިރު އޮއްސޭ ވަގުތު މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ވެރިކަމެއްކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާގޮތް ބަދަލުކުރަން ހުށަހަޅައިފައިވާ ބިލަށް ބަހުސް ކުރައްވަމުން އިއްޔެ އީވާ ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ ވަރަށް ބޮޑު ދައުރެއް އޮވެގެން ކަމަށާއި، ނަމަވެސް ސަރުކާރު ތެރޭގައިި އެމްޑީޕީގެ ދައުރު ވަރަށް ކުޑަ ކަމަށެވެ.

އީވާ ވިދާޅުވީ، އެމްޑީޕީގެ ދައުރު ސަރުކާރުގެ ތެރޭގައި ހަނިވެފައިވަނީ، ރިޔާސީ ނިޒާމެއްގެ ތެރެއިން ކޯލިޝަން ހަދައިގެން ވެރިކަން ކުރަންޖެހޭތީ ކަމަށެވެ.

"އެއްބައި ފަހަރަށް އަޅުގަނޑަށް ހީވޭ އިރުއަރާ އިރު އަދާލަތު ޕާޓީގެ ވެރިކަމެކޭ، އިރުއޮއްސޭއިރު އެމްއާރްއެމްގެ ވެރިކަމެކޭ" އީވާ ވިދާޅުވިއެވެ.

މިހާރު އޮތް ވެރިކަމުގެ ނިޒާމު ކަމަށްވާ ރިޔާސީ ނިޒާމަކީ ހެޔޮ ވެރިކަމެއް ކޮށްދެވޭނެ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރައްވަމުން އައީ ބަރުލަމާނީ ނިޒާމަށް ކަމަށް އީވާ ވިދާޅުވިއެވެ. އެމްޑީޕީން ބޭނުންވާ ގޮތަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް އީވާ ވަނީ ގޮވައިލައްވައިފައެވެ.

"ވެރިކަން އެބަ އޮތް. ކޯލިޝަން ވެސް އެބަ އޮތް. އެކަމަކު މިކޯލިޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީ އޮތީ މާކަ ހިތްހަމަޖެހިގެންނޭ ބުނެވޭކަށް ނެތް. ރައީސް ނަޝީދަކީ އެމްޑީޕީގެ މިވެރިކަން ކުރާ ކޯލިޝަންގެ ބޮޑު ހިއްސާ އޮތް ޕާޓީގެ ރައީސް. އެ މަނިކުފާނު މިޕާޓީގެ ހިއްސާ ވެރިކަމުގެ ތެރޭގައި އޮތް މިންވަރާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިނުގަންނަވާކަން އެއީކީ އެއް ސިއްރެއް ނޫން." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެމްޑީޕީއަށް މިހާރު މަޖިލީހުގައި ލިބިފައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި އެ މަސައްކަތް ލަސްކުރަން ވަގުތު ނެތް ކަމަށެވެ. އަދި ވިދާޅުވީ، ބަރުލަމާނީ ނިޒާމުގެ ދަށުން ވެރިކަން ކުރަމުން އަންނަ ތަހުޒީބީ ގައުމުތަކުގައި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ކޮރަޕްޝަންގެ އަމަލުތައް މަދުކަން ބަލައިލުމުން އެނގޭނެ ކަމަށެވެ.