ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ ވީޑިއޯ މައްސަލައިގައި އެފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެފް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ފުލުހުން އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމުގެ މައްސަލަ ތަހުގީގުކުރަމުން ދަނީ އިންސާފުން ނޫން ކަމަށާއި މީގެ ކުރިން ވެސް އެކި މީހުންގެ އެފަދަ އަމަލުތައް ފެންނަ ފޮޓޯ އާއި ވީޑިއޯ އާންމުވުމުން ފުލުހުން އަމަލުނުކުރާ ގޮތަށް ނާޒިމުއާ ދޭތެރޭ އަމަލުކުރަމުން ގެންދާ ކަމަށެވެ. އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފުލުހަށް ހާޒިރުކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރުކުރާނަމަ އެމަނިކުފާނަށް އެކަން އަންގައިދިނުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މިރޭ ޖުމްހޫރީ ޕާޓީން ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި ނަޝީދުގެ ނަން ނުގަންނަވައި އެ ވާހަކަތަކަށް ރައްދުދެއްވަމުން ގާސިމް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރު ނުކުރެވޭނެ ކަމަށް "ވަކިބޭފުޅަކު" ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަން އެގޮތައް ނުވާނެ ކަމަށެވެ.
އެގޮތަށް "ވަކި ބޭފުޅަކު" ވާހަކަދެއްކެވި ނަމަވެސް މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވި މުއައްސަސާތަކުގެ ވެރިން ޒިންމާ އަދާކުރާނެކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ކަށަވަރު މުއައްސަސާތަކުގެ ވެރިންގެ ބޮލުގައި މާތްﷲ ޒިންމާއެއް އަޅުވާފައި އެބައޮތްކަން. އެބޭފުޅުން ޒިންމާ އަދާކުރައްވާނެ. އެވާހަކަ ދެއްކުމުގެ މާނައެއް ނެތް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދައުލަތުގެ ޒިންމާ އަދާކުރަން ހުރި އެއްވެސް ވެރިއަކު އަދި އެއްވެސް މީހަކު އެމީހެއްގެ ޒިންމާ އަދާކުރުމުގައި ފަހަތައް ޖެހިގެން ނުވާނެއޭ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ވަކި ބޭފުޅަކު މައްސަލައިގައި ހިމެނޭތީ "އެއްޗެއް ފޮރުވާފައި" ފުލުހުން މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދާނެ ކަމަށާއި އެއީ ކޮންމެ މީހަކު ހިމެނޭ މައްސަލައެއް ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާނީ ރަނގަޅަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ބަރަހަނާ ވީޑިއޯތަކާއި ފޮޓޯޓަކުގެ މައްސަލައިގައި މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުކުރަން އަންގާނަމަ އެކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަންވާނެކަން އަންގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއަށް ސިޓީއެއް، މިދިޔަ ހޮނިހިރު ދުވަހު ފޮނުއްވައިފައެވެ.
ނަޝީދުގެ ކޮއްކޯފުޅު ނާޒިމު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ބެލެވޭ ވީޑިއޯގެ މައްސަލައިގައި ފުލުހުން ވަނީ ނާޒިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އަނދުން ހުސެއިންގެ މައްސަލަ ބަލަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމުކަމަށް ބެލެވޭ މީހެއްގެ ވެސް ވީޑިއޯ ވަނީ އާންމުވެފައެވެ.
ސަލީމު ވަނީ އެ ވީޑިއޯއިން ފެންނަނީ އޭނާކަމަށް އިންކާރުކޮށް، އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫންކަން ކަށަވަރުކޮށް ދިނުމަށް ފުލުސް އޮފީހުގައި އެދިފައެވެ.