ޕައުލް ޕޮގްބާ

ޕޮގްބާގެ ބޭބެ އިންޑިއާ ލީގުގެ އޭޓީކޭ މޯހުން ބަގާންއަށް

ފްރާންސް ގައުމީ ޓީމުގެ ތަރި ޕައުލް ޕޮގްބާގެ ބޭބެ، ފްލޮރެންޓިން ޕޮގްބާ އިންޑިއާ ސުޕަ ލީގުގެ އޭޓީކޭ މޯހުން ބަގާންއަށް ސޮއިކޮށްފިއެވެ.

ޕޮގްބާގެ އުފަން ގައުމު ގީނީއަށް ނިސްބަތްވާ ފްލޮރެންޓިން، މޯހުން ބަގާންއަށް ސޮއިކުރީ ފްރާންސް ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޝޯޒް މޮންޓްބެލިއާޑާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ.

އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލޮރެންޓިން ބޭނުން ވަނީ އާ ލީގެއްގެ ތަޖުރިބާ ކަމަށާއި އިންޑިއާއަކީ އޭނާއަށް އެ ތަޖުރިބާއަށް ވާނެތީ ކްލަބުން ދޫކޮށްލާފައިވާ ކަމަށެވެ.

ފްލޮރެންޓިންގެ ފުޓުބޯޅަ ކެރިއަރު ފެށީވެސް ފްރާންސްގެ ދެވަނަ ޑިޝަނުގެ ސެޑަން އެފްސީންނެވެ. އެ ކްލަބަށް 45 މެޗު ކުޅުމަށްފަހު ފްލޮރެންޓިން ވަނީ ފްރާންސްގެ ފުރަތަމަ ޑިވިޝަންގެ ސެއިންޓް އެޓިއާންއަށް 2012 ވަނަ އަހަރު ބަދަލުވެފައެވެ. އެ ކްލަބަށްވެސް ކުޅުމަށްފަހު އެންމެފަހުން ހުރި ކްލަބު ޝޯޒްއަށް 2020 ވަނަ އަހަރު ބަދަލުވި ފަހުން ފްލޮރެންޓިން ވަނީ 62 މެޗު އެ ކްލަބަށް ކުޅެފައެވެ.

އޭޓީކޭ މޯހަން ބަގާންއަކީ މިވަގުތު ދެކުނު އޭޝިއާގެވެސް އެންމެ ވަރުގަދަ ޓީމެވެ. އޭއެފްސީ އޭޝިއަން ކަޕްގެ މި ޒޯނުގެ ކޮލިފިކޭޝަން ގްރޫޕު ކާމިޔާބުކޮށް އެ ކްލަބު މިވަގުތު އޮތީވެސް އިންޓަ ޒޯނަލް ސެމީ ފައިނަލްގައެވެ. އިންޑިއާ ސުޕަ ލީގު ކާމިޔާބުކުރުމަށްވެސް މޯހުން ބަގާން ވަނީ ގާތަށް ޖެހިލައިފައެވެ. އެގޮތުން އެ ޓީމަކީ މިދިޔަ ސީޒަނުގައިވެސް ސުޕަ ލީގުގެ ޕްރިމިއާޝިޕް އަދި ޗެމްޕިއަންޝިޕުގެވެސް ރަނަރަޕް ޓީމެވެ.