މަނާ ބޭސް ބޭނުންކުރި ކަން ސާބިތުވެ، ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ހުރުމަށްފަހު، ޕައުލް ޕޮގްބާ އަލުން ފުޓުބޯޅައަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
އުމުރުން 32 އަހަރުގެ ޕޮގްބާ، މިދިޔަ އަހަރު ސެޕްޓެމްބަރު މަސް ތެރޭގައި މަނާ ބޭހަށް ޕޮޒިޓިވް ވެ، ފުޓުބޯޅައިން ހަތަރު އަހަރަށް ސަސްޕެންޑް ކުރި ކަމަށް ފުރަތަމަ ނިންމީ މިއަހަރު ކުރީކޮޅުގައެވެ.
އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް (ނާޑޯ) އިން ޕޮގްބާ ސަސްޕެންޑް ކުރަން ނިންމީ ދެ ސާމްޕަލެއްގެ ޓެސްޓޮސްޓެރޯން ލެވެލް މާ ބޮޑަށް މަތިވުމުންނެވެ. ޓެސްޓޮސްޓެރޯން އިންޖެކްޓް ކުރުމަކީ ބައެއް ކުޅުންތެރިން ޕާފޮމަންސް ރަނގަޅު ކުރުމަށް ކުރާ ކަމެކެވެ.
އެ ސަސްޕެންޝަނާއެކު އަލުން ފުޓުބޯޅައަށް ނާދެވޭ ގޮތަށް ޕޮގްބާ ހުރި ހުރުމަށް ނިމުން އައިީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން އޭނާގެ އިސްތިއުނާފު މައްސަލަ ނިންމި ހިސާބުންނެވެ. ކާސްއިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކުރަން މިދިޔަ މަހު ތެރޭގައި ނިންމައިފައެވެ.
އެ ނިންމުމާއެކު ޕޮގްބާ ވަނީ މިމަހުގެ ޖެނުއަރީ މަހު އަލުން ތަމްރީނުތަކަށް ނުކުމެފައެވެ. އެހެން ނަމަވެސް ޕޮގްބާ އޭރު ކުޅެމުންދިޔަ ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމާއެކު އޭނާ ހުރީ ހިލޭ އެޖެންޓެއްގެ ގޮތުގައެވެ.
ޕޮގްބާގެ އުފަން ސިޓީއަކީވެސް މޮނާކޯ ކަމަށްވީ އިރު، އެ ސިޓީގެ އެންމެ ވަރުގަދަ ކްލަބާ މިހާރު ވަނީ ވާހަކަ ދައްކަމުން ކަމަށް ނޫސްތައް ބުނެއެވެ.
ބީބީސީ ސްޕޯޓްސްއިން ބުނީ ޕޮގްބާ މޮނާކޯއާ ވާހަކަ ދައްކަމުން ދަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމަކަށް ކަމަށެވެ. މިދިޔަ ދެތިން ހަފުތާއެއްގައިވެސް މޮނާކޯއިން ޕޮގްބާގެ އެޖެންޓާ ވާހަކަ ދައްކާފައިވާ ކަމަށް ނޫސްތައް ބުނި އިރު، ބެލެވޭ ގޮތުގައި ވަރަށް އަވަހަށް ނިންމުމެއް ނިންމާނެއެވެ.
ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި ޕޮގްބާ ވަނީ ގައުމީ ޓީމަށްވެސް 91 މެޗު ކުޅެފައެވެ. އޭނާ ފުރަތަމަ ގައުމީ ޓީމަށް ނުކުތީ 2013 ވަނަ އަހަރުއެވެ.
ޕޮގްބާގެ ކެރިއަރުގައި އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސްއަށްވެސް ގިނަ މެޗުތަކެއް ކުޅެފައެވެ.
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ