ގާތްގަނޑަކަށް 800 އަށްވުރެ ގިނަ ދުވަސްފަހުން ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެނބުރި މެޗަކަށް ނުކުމެއްޖެއެވެ.

ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ޕޮގްބާ ރޭ މޮނާކޯއަށް ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ރެެނެސް ކައިރިން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ޕޮގްބާ ރޭގެ ކުރިން އެންމެފަހުން ރަސްމީ މެޗެއްގައި ކުޅެފައި ވަނީ 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު ތިންވަނަ ދުވަހުއެވެ. އެއީ ޔުވެންޓަސްއިން ސެރެއާ އޭގައި އެމްޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އޭގެ 811 ދުވަސްފަހުން، އުމުރުން 32 އަހަރުގެ ޕޮގްބާ އަލުން ދަނޑަށް ނުކުތީ ސަސްޕެންޝަނުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ޑިހައިޑްރޯޕިއަންޑްރޮސްޓެރޯން ނަމަކަށް ކިޔާ މަނާ ބޭހަކަށް ޕޮސިޓިވްވެ، އޭނާ ފުޓުބޯޅައިން ބޭން ކުރީ 2024 ވަނަ އަހަރު ފެބްރުއަކީ މަހުގައެވެ.

އެ ސަސްޕެންޝަނާއެކު ޕޮގްބާ ބުނީ، އޭނާއަށް ނޭނގި، މަނާ ބޭހުގެ ބާވަތެއް ހިމެނޭ ސަޕްލިމެންޓެއް ބަޔަކު ފޯރުކޮށްދިނީ ކަމަށެވެ. އަދި ގަސްދުގައި އެކަހަލަ އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުން ނުކުރާ ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.

ޕޮގްބާއަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އެފަހަރު އައި ނަމަވެސް، ފަހުން ކާސްއިން ވަނީ އެ ސަސްޕެންޝަން 19 މަހަށް ކުޑަކޮށްދީފައެވެ. ސަސްޕެންޝަން ފުރިހަމަކޮށް ޕޮގްބާ މޮނާކޯއާ ގުޅުނީ މި ސީޒަނަށެވެ. މޮނާކޯއަށް ސޮއިކުރުމާއެކު ޕޮގްބާ އަސަރުގަދަ އިންޓަވިއުއެއްވެސް ދީފައިވާ އިރު، ސީޒަން ފެށިއިރު އޭނާ ހުރީ އަނިޔާގައެވެ.

ރޭ ރެނެސްއާ ދެކޮޅަށް ކުޅުނު މެޗަކީ އަނިޔާއިން ރަނގަޅުވެ، އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ޕޮގްބާ ރޭގެ މެޗަށް ނުކުމެފައި ވަނީ 85 ވަނަ މިނެޓުގައެވެ. އޭރު ނަތީޖާ އޮތީ 4-0 ގައެވެ. ރެނެސްގެ ގޯލްތައް ޖެހީ އަބްދުލްހާމިދް އައިތު ބޫދަލްއާއި މަހްދީ ކަމާރާ، ބްރީލް އެމްބޯލޯ އަދި ލުޑޮވިޗް ބްލާސްއެވެ.

މޮނާކޯގެ ގޯލް ޖެހީ މީކާ ބިއެރެތެވެ.