ޗެލްސީ

ޗެލްސީގެ ޓާގެޓް ސްޓާލިންނަށް!

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި މެންޗެސްޓާ ސިޓީގެ ފޯވަޑް ރަހީމް ސްޓާލިން ހޯދުމަށް މަޝްވަރާތައް ފަށައިފިއެވެ.

ޗެލްސީން އާ ސީޒަނަށް ތައްޔާރުވަނީ ކްލަބުގެ އާ ވެރިންނާއެކުގައެވެ. މިދިޔަ ސީޒަނުގެ ތެރެއިން ރަޝިއާއާއި ޔޫކްރެއިން ފެށި ހަނގުރާމައިގެ ސަބަބުން، ޗެލްސީގެ އޭރުގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިއްތުންތައް ކުރިމަތިކޮށް ފިޔަވަޅު އެޅުމުން ޗެލްސީގެ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. އެ ފިޔަވަޅުތަކާ އެކު އަބްރަމޮވިޗް ނިންމީ ކްލަބު ވިއްކާލާށެވެ. ކްލަބު ވިއްކާލުމުގެ ކަންކަން ނިމުނީ ސީޒަން ނިމުނުތަނާ ހެންނެވެ. މިހާރު ޗެލްސީގެ ވެރިޔަކީ ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ވިޔަފާރި ގްރޫޕެކެވެ.

އާ ވެރިން ޓްރާންސްފާގެ ކަންތައްތަކަށް ފޯކަސް ކުރަމުންދާ އިރު، މިވަގުތު ދަނީ ކްލަބުގައި މިހާރު ތިބި ބައެއް ކުޅުންތެރިންނާ މެދުވެސް ގޮތް ނިންމަމުންނެވެ. އޭގެ އިތުރުން ޑިފެންޑަރުން ހޯދަންވެސް މަސައްކަތް ކުރަމުންދާ އިރު، އިއްޔެ ނޫސްތަކުގައި ބުނެފައި ވަނީ މިހާރު ކްލަބުގެ އެންމެ ބޮޑު ފޯކަސްއެއް ހުރީ އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު ސްޓާލިން ހޯދުމަށް ކަމަށެވެ.

ޗެލްސީން ސްޓާލިން ހޯދުމަށް ސިޓީއާ ރަސްމީކޮށް ވާހަކަތައް ފަށާފައިވާ އިރު، ފުރަތަމަ ކުރި ބިޑަކީ 25 މިލިއަން ޔޫރޯގެ ބިޑެކެވެ. އެ ބިޑު ސިޓީން ވަނީ ރިޖެކްޓް ކޮށްފައެވެ. ނޫސްތައް ބުނެފައި ވަނީ ސިޓީން ބޭނުންވާ އަގަކީ 55 މިލިއަން ނޫނީ 60 މިލިއަން ޔޫރޯގެ އަގެއް ކަމަށެވެ.

ސްޓާލިން ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އުމުރުން 27 އަހަރުގެ ފޯވަޑް ސްޓާލިން މިދިޔަ ސީޒަނުގައި ސިޓީ ޖާޒީގައި 30 މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ 13 ގޯލު ޖަހައިފައެވެ.

ސީޒަނުގައި ސްޓާލިން 30 މެޗު ސިޓީއަށް ކުޅުނު ނަމަވެސް މުހިއްމު ބައެއް މެޗުތަކުގައި އިންނަން ޖެހުނީ ބެންޗުގައެވެ. އެގޮތުން ސިޓީން ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ ލެގުވެސް ހިމެނެއެވެ. އޭގެ އިތުރުން ސިޓީން ލީގު ޔަގީން ކުރުމަށް ލީގުގެ ފަހު މެޗުގައި އެސްޓޮންވިލާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސްޓާލިން އިނީ ބެންޗުގައެވެ.