ޗެލްސީ

ކުޅުންތެރިންގެ ސޮއި ހޯދުމުގެ ކުރިން ޗެލްސީން އެތެރޭގެ ކަންކަން ހަމައަކަށް އަޅުވަނީ

އާ ވެރިންގެ ދަށުން ފުރަތަމަ ފަހަރަށް ޗެލްސީން އާ ސީޒަނަކަށް ތައްޔާރުވަމުންދާ އިރު، ބޭރުން ގެންނަ ކުޅުންތެރިންގެ މަސައްކަތް ފެށުމުގެ ކުރިން ކްލަބުގެ އެތެރޭގެ ކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ތެރެއިން ރަޝިއާއާއި ޔޫކްރެއިން ފެށި ހަނގުރާމައިގެ ސަބަބުން، ޗެލްސީގެ އޭރުގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިއްތުންތައް ކުރިމަތިކޮށް ފިޔަވަޅު އެޅުމުން ޗެލްސީގެ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. އެ ފިޔަވަޅުތަކާ އެކު އަބްރަމޮވިޗް ނިންމީ ކްލަބު ވިއްކާލާށެވެ. ކްލަބު ވިއްކާލުމުގެ ކަންކަން ނިމުނީ ސީޒަން ނިމުނުތަނާ ހެންނެވެ. މިހާރު ޗެލްސީގެ ވެރިޔަކީ ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ވިޔަފާރި ގްރޫޕެކެވެ.

އާ ވެރިން ޗެލްސީއާ ހަވާލުވެ، ކްލަބަށް ކުރިމަތިވެފައިވާ އެތެރޭގެ މައްސަލަތައް ހައްލުކުރަން މިހާރު ފަށާފައިވާ އިރު، އެ ކްލަބުން ޓްރާންސްފާ މާކެޓުގައި އަދި ފެންނަނީ މަޑު ރާގެއްގައެވެ. ޖޫލްސް ކޫންޑޭއާއި އުސްމާން ޑެމްބޭލޭ ފަދަ ކުޅުންތެރިން ގެންދަން ކޮންމެވެސް ވަރަކަށް ވާހަކަތައް ދެކެވެމުންދިޔަ ނަމަވެސް، އަދިވެސް އެއްވެސް ކުޅުންތެރިޔަކު ހޯދަން ރަސްމީކޮށް ބިޑްކޮށްފައެއް ނުވެއެވެ.

އެ ވާހަކަތަކަށް ޖަވާބު ދެމުން ޗެލްސީގެ އާ ވެރިޔާ ބޯލީ ވިދާޅުވީ ފައިނޭންޝިއަލް ފެއާޕްލޭއަށްވެސް ބަލައި، ކްލަބުގެ ކަންކަން ހަމައަކަށް އަޅުވައި، ޓްރާންސްފާތަކަށް ދާނެ ކަމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން މިވަގުތު މަސައްކަތް ކުރަމުންދަނީ ކޮންޓްރެކްޓްތައް އާކުރުމާއި އޮފް ލޯޑުކުރަން ޖެހޭ ކުޅުންތެރިންގެ ކަންކަމުގައެވެ.

އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ބޮޑު އަގުގައި މިދިޔަ ސީޒަނަށް ގެންދިޔަ ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލޫކާކޫއެވެ. ލުކާކޫ ދަށް ސީޒަނެއް ނިންމާލި އިރު، އޭނާގެ ވިސްނުންވެސް ހުރީ އަނބުރާ އިންޓަ މިލާނަށް ދިއުމަށެވެ.

އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި އާ ވެރިންގެ އެންމެ ބޮޑު ޓާގެޓަކީ ލުކާކޫ އިންޓައަށް ލޯނަށް ދޫކޮށްލުމެވެ. ފަރުދާގެ ފުރަގަހުގައި ޗެލްސީން ބުރަ މަސައްކަތްތަކެއް ކުރާ ކަމަށް ފަބްރީޒިއޯ ބުނެފައިވާ އިރު، އޭނާ ބުނީ ކެޕްޓަން އަޒްޕިލިކުއެޓާއާއި މާކަސް އެލޯންސޯ ފަދަ ކުޅުންތެރިންނަށް ޑީލްތައް ހޯދައި، އެ ކުޅުންތެރިން ބޭނުންވާ ގޮތަކަށް ކަންކަން ނިންމަން ޗެލްސީން ތައްޔާރުވަމުންދާ ކަމަށެވެ.

ޗެލްސީން މީގެ ކުރިން ފެންނަނީ ބޮޑެތި އަގުތަކުގައި ވަރުގަދަ ކުޅުންތެރިން، އަވަސް އަރުވާލައިގެން ގެންދާ ޓީމެއްގެ ގޮތުގައި ނަމަވެސް އެކަން ވަރަށް ބޮޑަށް ބަދަލުކުރަން އާ ވެރިން ބޭނުންވާ ކަމަށް ބެލެވެއެވެ. އެގޮތުން ބޯލީ ވަނީ ތަކުރާރުކޮށް ލިވަޕޫލްގެ ޓްރާންސްފާ ޕޮލިސީއަށް ތައުރީފުކޮށްފައެވެ. އެގޮތުން ސުޕަ ސްޓާރުންގެ ބަދަލުގައި ޓީމަށް ފައިދާވާނެ ކުޅުންތެރިންނަށް ޓްރާފްސްފާތަކުގައި ސަމާލުކަން ދޭނެ ކަމަށް ބެލެވެއެވެ.

ޗެލްސީއަށް މިދިޔަ ސީޒަނުގައި ކުޅުނު އިތުބާރު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެ ކްލަބު ދޫކޮށް ރެއާލްއަށް ބަދަލުވެފައިވާ އިރު، އަންދްރޭސް ކްރިސްޓިއަންސަންވެސް ވަނީ އެ ކްލަބު ދޫކޮށް ބާސެލޯނާއަށް ދާކަން އިއުލާން ކޮށްފައެވެ. އެހެންކަމުން ޗެލްސީއަށް ޑިފެންޑަރުންތަކެއް ގެންދާނެ ކަމަށް ބެލެވެއެވެ.