ލިވަޕޫލް

މާނޭ ވިއްކާލަން ލިވަޕޫލާއި ބަޔާން އެއްބަސްވި އަގަކީ 35 މިލިއަން ޕައުންޑް

ލިވަޕޫލްގެ ސެނެގާލް ތަރި ސަޑިއޯ މާނޭ ބަޔާން މިއުނިކަށް ބަދަލުވާން ހުރިހާ ކަމެއް ނިންމައިފިއެވެ.

މިދިޔަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް މާނޭ ވަނީ އިއުލާން ކޮށްފައެވެ. އެއިރުވެސް މާނޭ ދާނެ ކަމަށް ބެލެވިފައި އޮތީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށެވެ. މާނޭ ޔަގީންކަމާއެކު ދާން ބޭނުމީ ބަޔާންއަށް ނަމަވެސް، އެ ޓްރާންސްފާ އިއްޔެއާ ހަމައަށް ޔަގީން ނުވެ އޮތީ ލިވަޕޫލާއި ބަޔާންއަށް އަގަކާ މެދު އެއްބަސް ނުވެވި އޮތުމުންނެވެ.

މާނޭ ހޯދުމަށް ބަޔާންއިން ފުރަތަމަ ކުރި ދެ ބިޑަކަށް ލިވަޕޫލުން ނޫނުކޭވެސް ބުނެފައިވާ އިރު، އިއްޔެ އެއްބަސްވި ބިޑުގެ ޖުމުލައަކީ 35.1 މިލިއަން ޕައުންޑެވެ. އެއީ 27.4 މިލިއަން ޕައުންޑުގެ ފިކްސް އަގަކާއި ބޯނަސްގެ ގޮތުގައި ދޭނެ އަށް މިލިއަން ޕައުންޑަކަށެވެ. އެ ބޯނަސް ހަމަޖައްސާފައި ވަނީ މާނޭ ކުޅޭ މެޗުތަކާއި ހޯދާ ކާމިޔާބީތަކަށްވެސް ބަރޯސާ ކޮށްގެން ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ، އުމުރުން 30 އަހަރުގެ މާނޭ އިނގިރޭސި ފުޓުބޯޅައަށް ތައާރަފް ވެގެން ދިޔައީ 2014 ވަނަ އަހަރު ސައުތުހެމްޓަންއިންނެވެ. އެ ކްލަބަށް އޭނާ ދިޔައީ އޮސްޓްރިއާގެ ސާލްސްބާގުން ވިދާލައިގެންނެވެ. އޭނާގެ ކާމިޔާބީތައް އިނގިރޭސި ފުޓުބޯޅައިގައި ފެށުނީ 2016 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ހިސާބުންނެވެ.

ލިވަޕޫލަށް މާނޭ ކުޅުނު 269 މެޗުގައި އޭނާ 120 ގޯލު ޖަހާފައިވާ އިރު، 48 ގޯލަށް އެސިސްޓް ކޮށްދީފައިވެއެވެ. ލިވަޕޫލާއެކު އެފްއޭ ކަޕާއި ލީގު ކަޕްގެ އިތުރުން އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގުވެސް ހޯދި މާނޭ ވަނީ އެ ކްލަބުގައި ޖުމުލަ ހަ ތަށި އުފުލާލައިފައެވެ.

މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ އަދި މާނޭއަކީ އިނގިރޭސި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ޓްރިއޯއެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ އިރު، ކުރިއަށް އޮތް ސީޒަނުގައި މާނޭ ނެތްތައް ފޫބައްދަން ލިވަޕޫލުން ވަނީ އުރުގުއޭގެ ޒުވާން ތަރި، ޑާވިން ނުނޭޒް އެ ކްލަބަށް ގެންގޮސްފައެވެ.