ޔޫއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ތިނެއްގައި ރޭ އިންގްލެންޑުން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ހަންގޭރީ ކައިރީ ބަލިވި އިރު، ޖަރުމަނުން އިޓަލީ ކައިރީ ބޮޑު މޮޅެއް ހޯދައިފިއެވެ.
އިންގްލެންޑުން އަމިއްލަ ދަނޑުގައި ރޭ ހަންގޭރީ ކައިރީ ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ. ޖަރުމަނުން ރޭ އަމިއްލަ ދަނޑުގައި އިޓަލީ ބަލިކުރީ 5-2ގެ ނަތީޖާއަކުންނެވެ.
ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގްރޫޕް ތިނެއްގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި ހަންގޭރީ އޮތީ ހަތް ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް ޖަރުމަނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އިޓަލީ އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތީ މޮޅެއް ނުލިބި ދެ ޕޮއިންޓާ އެކު އޮތް އިންގްލެންޑެވެ.
ރޭގެ ނަތީޖާއާއެކު އިންގްލެންޑަށް މުބާރާތުގެ ސެމީއަށް ދިއުމަށް ފުރުސަތު ގެއްލުނު އިރު، ރެލިގޭޝަނުން ސަލާމަތްވުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ.
އިންގްލެންޑާއި ހަންގޭރީ މިފަހަރުގެ ނޭޝަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުންވެސް މޮޅުވީ ހަންގޭރީއެވެ. ހަންގޭރީގައި ކުޅުނު އެ މެޗުން 1-0 އިން އެޓީމު މޮޅުވި އިރު، ރޭ ހަންގޭރީ މޮޅުވީ ފަސޭހަ ކޮށެވެ. ރޭގެ މެޗުގައި ހަންގޭރީގެ ގޯލުތައް ޖަހައިދިނީ ރޮލަންޑް ސަލާއީއާއި ސޮލްޓްސް ނަގީ އަދި ޑެނިއަލް ގަޒްޑާގެވެ. ސަލާއީ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ލަދުވެތި ބައްޔަކުން ރޭ އިންގްލެންޑް ބަލިވި އިރު، އެ ޓީމު ނިންމާލީ ޖޯން ސްޓޯންސްއަށް ދެއްކި ރަތް ކާޑަކާއެކުގައެވެ.
ރޭގެ ނަތީޖާއަކީ އިނގިރޭސި ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ދަށް އެއް ނަތީޖާއެވެ. އެގޮތުން ރޭގެ ބައްޔަކީ އަމިއްލަ ދަނޑުގައި ގޯލެއް ނުޖެހި އެހާ ތަފާތު ބޮޑުކޮށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ. އެންމެ ފަހުން އިންގްލެންޑް ހަތަރު ގޯލުގެ ތަފާތަކުން އަމިއްލަ ދަނޑުގައި ބަލިވީ 1928 ވަނަ އަހަރު ސްކޮޓްލެންޑް އަތުން 5-1 އިންނެވެ.
ރޭ ނޭޝަންސް ލީގުގައި ޖަރުމަނުން އަމިއްލަ ދަނޑުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުގެ ގޯލުތައް ޖެހީ ޖޯސުއާ ކިމިކާއި، އިލްކާއި ގުންޑޮގާންގެ އިތުރުން ތޯމަސް މުލާއާއި ޓީމޯ ވާނާއެވެ. ވާނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އިޓަލީގެ ގޯލުތައް ޖެހީ ވިލްފްރިއެޑް ޖިއޯންޓޯއާއި ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީއެވެ.
ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ހަތަރެއްގައި ރޭ ނެދަލެންޑްސް ކުޅުނު މެޗުގައި 3-2 އިން ވޭލްސް ބަލިކުރި އިރު، އެ ގްރޫޕުގައި ބެލްޖިއަމް ވަނީ 1-0 އިން ޕޮލެންޑް ބަލިކޮށްފައެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު