މުޙައްމަދު އަސްލަމް

ދަފްތަރުގައި ހިމެނޭ މީހުންނަށް މި ޕްރޮގްރާމުން މާލޭން ގޯއްޗެއް ނުލިބޭނެ: މިނިސްޓަރު

އިބްރާހިމް ޒަކީ

މިމަހު 26 ގައި މާލޭ ސަރަހައްދުން ގޯތި ދޫކުރަން ހުޅުވާލާއިރު، ދަފްތަރުގައި ހިމެނޭ މީހުންނަށް އެ ޕްރޮގްރާމްގެ ދަށުން ގޯތި ނުލިބޭނެ ކަމަށް މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޖާބިރު ސުވާލު ކުރެއްވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހަމަކަމާއެކު ގޯތި ދިނުމަށް ހަމަޖެހިފައިވާ ގޮތަކީ ކޮބައިތޯ އާއި، ތަފާތު ނުވާ ގޮތަށް ގެދޮވެރިކުރުމަށް ހަހަމެޖިފައިވާ ގޮތަކީ ކޮބައިތޯ އާއި ގޯތި ދިނުމުގައި މާލޭ ރައްޔިތުން ކަނޑައަޅަނީ ކޮން ގޮތަކަށްތޯ އޮޅުން ފިލުވުމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ގޯތި ދޫކުރުމުގައި ގާނޫނުގައި ބުނަނީ ގޯތިދޭނެ ތަނެއް ކަނޑައަޅައި ގޯތި ދޭނެ އުސޫލެއް އިއުލާން ކުރުންކަމަށެވެ. ރަށްރަށުން ގޯތި ދިނުމަށް ރަށު ކައުންސިލްތަކުން އަމަލު ކުރަމުން އަންނަނީ އެގޮތަށް ކަމަށާއި، މާލޭންވެސް ގޯތި ދިނުމުގައި އަމަލުކުރަން ހަމަޖެހިފައިވަނީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. މާލޭން ގޯތި ދިނުމަށް ހިކިފަސްތަނެއްގެ ގޮތުގައި އޮތީ ހުޅުމާލެ ކަމަށާއި، އޭގެ އިތުރުން ގުޅިފަޅު ހިއްކައި ގޯތި ދނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދުން ގޯތި ދިނުމަށް މިފަހަރު ކުރިއަށް ގެންދާ ޕްރޮގްރާމުގައި މާލޭގެ ރައްޔިތުންގެ ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ، މާލެ ނޫން އެހެން އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓްރީވެފައި ނުވާ ރައްޔިތުން ކަމަށެވެ. އެހެންކަމުން ދަފްތަރުގައި ޖެހިފައިވާ މީހުންނަށް މި ޕްރޮގްރާމްގެ ދަށުން ގޯތި ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ދަފްތަރުގައި ޖެހިފަހުރި މީހަކަށް ލިބިފައިވާ ދަރީންނަކީ މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ކޮށްފައި ނެތް ދަރީން ކަމަށްވާނަމަ އެ ފަރާތްތަކަށް މި ޕްރޮގްރާމުން ގޯއްޗަށް ހުށަހެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ޕްރޮގްރާމަށް މާލޭގެ ރައްޔިތުންގެ ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ، އެއީ މާލެނޫން އެހެން އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓްރީވެފައި ނުވާ ރައްޔިތުން، އެއިއްޔޭ މާލޭގެ ރައްޔިތުންނަކީ، އެހެންވީމަ އެ ޑެފިނީޝަންގެ ތެރެއިން ދާކަމުގައި ވަންޏާ މާލޭ ދަފްތަރުގައި ޖެހިފަ ތިބި މީހުން އެއީ މި ޕްރޮގްރާމްގެ ބޭނުމަށް މާލޭން ދޭ ގޯތި ލިބޭނެ ފަރާތްތަކަކަށް ނުވާނެ، އެހެންނަމަވެސް ދަފްތަރުގައި ޖެހިފަހުރި މީހަކަށް ލިބިފައިވާ ދަރިން އެއީ މާލެނޫން އެހެން ތަނެއްގައި އެ ދަރިޔަކު ރަޖިސްޓްރީ ކޮށްފައި ނެތިއްޔާ އެއީ މި ޕްރޮގްރާމްގެ ބޭނުމަށް ގޯތި ލިބޭނެ ފަރާތެއް،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.