ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 6 މެއި 2021ގައި ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބަލައި، އެކުލަވައިލި ރިޕޯޓް ހޯދަން އާންމުންގެ މީހަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ވަނީ ކޮންމެސް ވަރަށް އެ ހުށަހެޅުމާމެދު މަޝްވަރާކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ރިޕޯޓް ހޯދަން ހުށަހެޅީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި މީގެ ކުރިން ކޮމިޓީން ހާމަކުރީ އެ ރިޕޯޓުގައި ހިމެނޭ ބައެއް ކަންތައްތައް ކަމަށާއި އަނެއް ބައި ކަންތައްތަކަކީ ސިއްރު ކުރެވިފައިވާ ކަންތައްތައް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަނީމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ އެ ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތައް ސިއްރު ކުރަން ނިންމީ އެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ދޭން އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތުތަކުގެ ގޮތުގައި ބާއްވަން ހުށަހަޅުއްވާ ކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލައިގައި ކޮމިޓީގައި ނުރަސްމީކޮށް މަޝްވަރާ ކުރެއްވުމަށްފަހު ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ، އެކަމާބެހޭ ގޮތުން ގޮތެއް ނިންމާނީ އެ ރިޕޯޓުގައި ސިއްރު ކޮށްފައި ހުރި ކަންކަން އަލުން ކޮމިޓީން ރިވިއުކުރުމަށްފަހު ސިއްރު ބައްދަލުވުމެއްގައި އެ ކަމާބެހޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އެކަމާބެހޭ ގޮތުން ކޮމިޓީ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގައި އެ މަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު، ފުރާނަފުޅު ސަލާމަތްވެވަޑައިގަތީ ހަނިގޮތަކަށެވެ. އެ ހަމަލާއާ ގުޅުންހުރި ފަރާތްތައް ކަމަށް ތަހުގީގުތަކުން ދައްކާ ފަރާތްތަކަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އޭގެ ތެރެއިން އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއްކޮށްފައެވެ. ދެން ތިބި ހަތް މީހުންގެ ޝަރީއަތްވެސް ކުރިއަށް އެބަދެއެވެ.