ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓުގައިވާ ގޯތި ލިބޭ މީހުންގެ ކެޓަގަރީގައި ތިބި މީހުންނާ ގުޅިގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް ހައުސިން މިނިސްޓްރީން ހަދައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ހިމެނޭ "ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުން އެ ލިސްޓުގައި ހިމެނޭ "ގޯތި ލިބޭ" ފަރާތްތަކާވެސް ޖޮއިންޓްވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި "ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތަކުން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކޭޝަން ރިކުއެސްޓް މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން ފޮނުވަންވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
"މިގޮތުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާން އެދޭ ފަރާތްތަކުން ފޮނުވާ ރިކްއެސްޓް މަތީގައި ދެންނެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން 'ގޯތި ލިބޭ' ފޯމުގެ ލީޑިން އެޕްލިކަންޓް އެ ރިކުއެސްޓް ގަބޫލުކުރުމުންނެވެ..،" ހައުސިން މިނިސްޓްރީން ބުންޏެވެ.
ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރުމަށް ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ޝަރުތު ހަމަވާ މީހުން ހުށަހަޅާފައިވާ އެޕްލިކޭޝަން ޖޮއިންޓް އެޕްލިކޭޝަނަކަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ގޯތި ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނީ ވެސް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ މީހުންނަށްކަން ކުރިން ވެސް އިއުލާންކޮށްފައިވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން އެކަމުގެ އިތުރު މައުލޫމާތު ހިއްސާކުރުމަށް މީޑިއާތަކަށް އެރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިނިސްޓްރީން އާންމުކުރީ 5،000 ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކަމަށެވެ. އެ ލިސްޓުގައި ނުހިމެނުނު ނަމަވެސް، ގޯތި ލިބުމަށް ޝަރުތު ހަމަވާ 9،555 މީހުންނަށް އުސޫލާ އެއްގޮތަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އާއިލާގެ ފަރާތުން މަންމަ ނުވަތަ ދައްތަ ނުވަތަ އެހެން މީހަކު ވަކިން ފޯމު ހުށަހަޅައިފައިވާ ނަމަ، ގޯތި ހޯދުމުގެ ފުރުސަތު ބޮޑުކުރުމަށް ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ހުށަހެޅިދާނެ،" ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ވަނީ ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ މައުލޫމާތު ވެސް އާންމުކޮށްފައެވެ.
ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށްފަހު، ގެދޮރުވެރިޔާ ވެބްސައިޓަށް ވަދެ އެ ޕޭޖުގައިވާ "ލޮގިން ކުރައްވާ" އަށް ފިތާލުމުން އީފާސް އައިޑިއާއި ޕާސްޕޯޑު ޖަހަން އަރާނެއެވެ. އައިޑީ އަދި ޕާސްވޯޑު ޖަހައި ލޮގިންވުމުން އެ ފަރާތަކުން ހުށަހަޅައިފައިވާ އެޕްލިކޭޝަންގެ ސްޓެޓަސް ފެންނަން ހުންނާނެއެވެ.
އެ ތަނުން ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް ޝަރުތު ހަމަވާ ނަމަ ފެންނަން ހުންނާނެއެވެ. ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް، "ޖޮއިންޓް ރިކުއެސްޓް ފޮނުއްވާ" އަށް ފިތާލުމަށްފަހު އެ ފަރާތެއްގެ އައިޑީ ކާޑު ނަމްބަރު ޖަހައި، އާއިލާގެ މެމްބަރާ އޮންނަ ގުޅުން ހިޔާރު ކުރުމުން ސަބްމިޓް ކުރެވެން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު