ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ހުރިހާ ކުންފުނިތަކާއި އިދާރާތަކުގެ ހުރިހާ މުވައްޒަފުން ބަދަލުކޮށްގެން ނުވާނެ ކަމަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާ ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އިންތިހާބުތައް އިންސާފުވެރި ކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއް ގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް، މަގުފަހިކުރުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕު ލީޑަރުގެ މަގާމުގައިވެސް ހުންނެވި އަސްލަމް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން ކުންފުނިތަކުން ވަޒީފާ ދޭން ޖެހޭނީ މެރިޓަށް ބަލައި ރަނގަޅު މީހުނަށް ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކުންފުނިތަކުގެ ވަޒީފާގައި ތިބޭ މީހުން ބަދަލުކުރާ ނަމަ އެ ތަނެއް ހިންގާނީ ކޮންގޮތަކަށްތޯ އަސްލަމް ސުވާލުކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، އެގޮތަށް ބަދަލުވާ ކޮންމެ ސަރުކާރަކާއެކު ކުންފުނިތަކާއި އިދާރާތަކުގެ މުވައްޒަފުން ބަދަލުކުރަންޖެހޭ މައްސަލައަކީ ސިޔާސީ އެންމެން ވިސްނައިގެން ހައްލުކުރަންޖެހިފައިވާ މައްސަލައެއް ކަމަށެވެ.