މާލޭ ސަރަހައްދުން ގޯތި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ތެރެއިން މާލޭ ސަރަހައްދުން ގޯއްޗަށް އެދުމުގެ ފުރުސަތު މިމަހު 26 ގައި ހުޅުވައިލައްވާނެ ކަމަށް މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނިހާދު ސުވާލު ކުރެއްވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އެ ފަރާތްތަކަށް އުފާވެރި ހަބަރެއް އަދިވެސް ލިބިފައިނުވާއިރު އެކަމާބެހޭގޮތުން ވީހާ އަވަހަކަށް އުފާވެރި ހަބަރެއް ރައްޔިތުންނަށް ލިބޭނެ ގޮތަކާބެހޭގޮތުންނެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގައި ހިމެނޭ މާލޭން ގޯތިދިނުމަށް މިމަހު 26 ގައި ހުޅުވައިލައްވާނެ ކަމަށެވެ. އަދި މިޑްލް އިންކަމްއަށް އަމާޒު ކޮށްގެން އިމާރާތް ކޮށްފައިވާ 1344 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މާލޭ ރައްޔިތުންނަށް އެންމެ އަވަހަށް އިއުލާން ކުރެވިގެންދާނީ 1344 ޔުނިޓަކަށް ހުށަހަޅައި، އެ ހޯދުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އޭގެ އިތުރުން 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން، މާލޭ ސަރަހައްދުން ގޯތި ދިނުމަށް މިމަހު ހުލުވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރެއްވި ގޮތަށް މާލެ ސަރަހައްދުން 5000 ގޯތި ދޫކުރައްވާނެ ކަމަށާއި އެއީ ހުޅުމާލެއާއި، ގުޅިފަޅާއި، ގިރާވަރުން ކަމަށެވެ.
މި ޖޫން މަސް ނިމުމުގެ ކުރިން، ފުރަތަމަ 3000 ގޯތި ދޫކުރުމަށް އިއުލާނު ކުރައްވާނެ ކަމަށާއި، އޭގެ އެންމެފަހުގެ މަސައްކަތްތައް މިހާރު ނިމި، އިއުލާނު ކުރާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު