ދިވެހި ހައްޖާޖީންގެ ފުރަތަމަ ގުރޫޕު ރާއްޖެއިން ފުރާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ދިވެހި ހައްޖާޖީން ސައުދި އަރަބިއްޔާއަށް ދާނީ ތިން ފްލައިޓެއްގައެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހާއި 29 ވަނަ ދުވަހާއި ޖުލައި މަހުގެ ދެ ވަނަ ދުވަހު އޮންނަ ފްލައިޓަކުންނެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއާޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ރައީސް އޮފީހާއި ހައްޖު ކޯޕަރޭޝަނާއި އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން އެމްއޭސީއެލް އަދި އެމްޓީސީސީއާއި އެޗްޑީސީން ބައިވެރިވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ހައްޖުވެރިންނަށް ފުލައިޓުތައް އޮންނަ ގަޑިތަކަށް ފަސޭހައިން އެއާޕޯޓާ ހަމައަށް ދިއުމުގައި އަމަލުކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޖުވެރިންނަށް މާލެތެރެއިން ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމާއި ހައްޖުވެރިންނަށް ޓްރާންސްޕޯޓް ހަމަޖެއްސުމާއި ހައްޖުވެރިން އެއާޕޯޓުގެ ތެރޭގައި ތިބޭ ވަގުތު އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުންނާއި ހައްޖުވެރިންގެ އެހީތެރިން މި ދަތުރުތަކުގައި ބައިވެރިކުރާނެ ގޮތްތަކާމެދުވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން މިދުވަސްވަރު މޫސުމަށް އަތުވެދާނެ ބަދަލަކަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު