ޚަބަރު

ވަކި މީހަކު ވެރިކަމުގައި ހުރީތީ ގައުމުތަކުން ކަންކަން ކޮށްދޭނަމަ އެއީ ގޯހެއް: ރައީސް

މުހައްމަދު އިޝާން

ދެވަނަ ދައުރަކަށް އެމަނިކުފާނު ރާއްޖޭގެ ރައީސަކަށް ހޮވިވަޑައިގެންނެވި ނަމަ، ތިލަމާލެ ބުރިޖު ހިލޭ އަޅައިދޭނެ ކަމަށް ޗައިނާއިން ބުނި ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްދުދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވެފައިވަނީ، މި ސަރުކާރުން އަޅަމުން އަންނަ ތިލަމާލެ ބުރިޖަކީ މާލީ ބޮޑު ބުރައެއް ކަމަށެވެ. އަދި އެ ބުރިޖަކީ އެޅުން ލާޒިމު ބުރިޖެއް ނޫން ކަމަށާއި ބުރިޖު ނުވެސް އެޅޭނެ ކަމަށް ވިދާޅުވެފައިއެވެ.

"މިހާރު އެއަޅާ ބުރިޖަކީ (ސިނަމާލެ ބުރިޖަކީ) ޗައިނާ ސަރުކާރުން ޒީ ޖިންޕިން ޗައިނާގެ ޕްރެޒިޑެންޓް އޮތީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުން ނަމަ ހިލޭ އެ ބުރިޖު ދޭން ބުނެފައި. އެހެންކަމުން ބުރިޖު އަޅާކަށް މިއީ މުނާސަބު ވަގުތެއް ނޫން. މި ސަރުކާރު އިތުރަށް ދަރަނީ. އެހެންވީމާ މި ބުރިޖު އަޅާކަށް ނުޖެހޭ،" ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީންގެ އެ ވާހަކަތަކައް ރައްދު ދެއްވައި މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއާ ގުޅުމެއް އޮތް އެއްވެސް ގައުމަކުން އެގޮތަށް ކަމެއް ނުކޮށްދޭނެ ކަމަށެވެ. އެގޮތަށް ކަމެއް ކޮންދޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ބްރިޖު ހިލޭ އެޅުން ފުރަތަމަ ކަމަކަށް އަޅުގަނޑު ހިތަށް އަރަނީ ކީއްވެގެންބާއޭ ފުރަތަމަ އެޅި ބުރިޖު ހިލޭ ނޭޅީ. ހިލޭ އަޅަން މާ ކުޑައެއް ނޫންތޯ. އަނެއްކާ އަޅުގަނޑު ކައިރީގައި އަޅުގަނޑުގެ ރަށްޓެއްސެއް ބުނީ، މީ ބައި ވަން ގެޓް ވަން ފްރީ ގޮތަށް އޮންނަ ކަމެކޭ، ބައި ވަން ގެޓް ވަން ފްރީ، އެކަތި ގަތީމަ އަނެކެތި ހިލޭ ލިބެނީހޭ ކަހަލަ ގޮތަކަށް ކުރާނީ ހެއްޔޭ މި ބްރިޖު އެޅުމަކީ؟ އެހެންވީމާ އެއް ބުރިޖު އަގު ދީފަ އެޅީމަ އެނެއް ބުރިޖު ހިލޭ ލިބެނީހޭ؟ އަޅުގަނޑު ގަބޫލުކުރާ އެއްކަމައް އެބައޮތް، ރާއްޖެއާ ގުޅުން އޮތް އެއްވެސް ގައުމަކުން އެއްވެސް މީހަކަށް ވެރިކަމުގެ ހުންނަ މީހަކަށް ނުކޮށްދޭނެ ކަމެއް. ކޮށްދެންޏާ އެއީ ގޯހެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަވަށްޓެރި ގައުމުތަކުން ވެރިކަމުގައި ހުންނަ މީހަކަށް ކަމެއް ކޮށްދީގެން ނުވާނެ ކަމަށެވެ. ގައުމުތަކުން ކަންތައް ކޮށްދޭންވާނީ ރައްޔިތުންނަށާއި ގައުމަކަށް ކަމަށެވެ.

"ގައުމުތަކުން އެހީވާންވާނީ ދިވެހި ރައްޔިތުންނަށް މުޅި ގައުމަށް، އަޅުގަނޑު މިތާ ހުއްޓޭ ކިޔާފަ އަޅުގަނޑަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކޮށްގެން ނުވާނެ، އެއީ ކޮންމެ ގައުމެއް ކަމުގައިވިޔަސް" ރައީސް ވިދާޅުވިއެވެ.

ޔާމީން ވެރިކަމުގައި ހުންނެވިނަމަ ޗައިނާއިން ރާއްޖޭގައި ތިލަމާލެ ބުރިޖު ހިލޭ އަޅައިދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ތިވިދާޅުވާ ގައުމުން ވެސް އަޅުގަނޑު ނުބުނާނަން ތިބުނާ ގޮތަށް ކަންކަންކުރާނޭ. ކޮށްދެންޏާ ކޮށްދޭނީ ދިވެހި ރައްޔިތުންނަށް ދިވެހި ގައުމަށް، މުޅި ރާއްޖެއަށް، ވަކި މީހަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކޮށްދޭ ކަމަށްވަންޏާ އެއީ ގޯހެއް،" ރައީސް ވިދާޅުވިއެވެ.