ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލު ފުރަތަމަ ޖާގަ ވެމްކޯއިން ހޯދައިފިއެވެ.
މިފަހަރުގެ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގައި 10 ޓީމަކުން ބައިވެރިވެފައިވެއެވެ. އެ 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ގުރޫޕް ސްޓޭޖު ކުޅެފައިވާއިރު، ސެމީ ފައިނަލަށް ފުރުސަތު ލިބިފައިވަނީ ކޮންމެ ގުރޫޕަކުން ދެ ޓީމަށެވެ. މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން މިފަހަރު ސެމީގައި ކުޅޭނީ ފައިނަލް ޕްލޭ އޮފް ތިން މެޗެވެ. އެއީ ސެމީ ފައިނަލުގެ ތިން މެޗެކެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި ގުރޫޕުގެ އެއްވަނައަށް ދާ ދެ ޓީމު ވާދަކުރި އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެއެވެ. އެ މެޗުން ބަލިވާ ޓީމަށް އަދި ތިންވަނަ ސެމީގައި ވާދަކުރަން ފުރުސަތު އޮންނާނެއެވެ. ދެވަނަ ސެމީން ބަލިވާ ޓީމު ކަޓާ އިރު، މޮޅުވާ ޓީމު ދާނީ ތިންވަނަ ސެމީއަށެވެ.
ރޭ ކުޅުނު ފުރަތަމަ ސެމީގައި ވަރުގަދަ ޕޮލިހާއި ވެމްކޯގެ ކުރިމަތިލުން ފެނުނީ ފޯރިގަދަކޮށެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި އަޑު ގުގުމަމުން ދިޔައިރު، މެޗުގެ ފުރަތަމަ ދެ ސެޓު ގެންދިޔައީ ވެމްކޯއިންނެވެ. ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ޕަޗަރަޕޯން ސިތިސާދުއާއި އައިޝަތު މާޖިދާ އަދި އައިމިނަތު އަރީޝާގެ ރަނގަޅު ސްޕައިކްތަކެއް ފުރަތަމަ ދެ ސެޓުގައި ފެނިގެން ދިޔައިރު، ވެމްކޯއިން ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-15 އާއި 25-21 އިންނެވެ.
ދެ ވަނަ ސެޓުން ޕޮލިސް ހިތްވަރު އާކޮށްލިއެވެ. މަޑުމަޑުން ގޭމްގެ ތެރެއަށް ވަދެ ދެން ޖެހުނު ދެ ސެޓުވެސް ޕޮލިހުން ގެންދިޔައެވެ. ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު އަޒީފާ (އައްޒަ)ގެ ހިތްވަރު ފެނިގެން ގޮސްފައިވާއިރު، ޕޮލިސް ޓީމުގައި ހިމެނޭ ނޭޕާލް ގައުމީ ޓީމުގެ ކަމަނަ ބިސްޓާގެ މޮޅު ކުޅުންވެސް އެ ދެ ސެޓުގައި ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ޕޮލިހުން ގެންދިޔައީ، 21-25 އާއި 22-25 އިންނެވެ.
މެޗު ޓައި ބްރޭކް ސެޓަށް ގޮސް، ވެމްކޯއިން މެޗު ކާމިޔާބުކުރީ 15-5 އިން ސެޓު ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޕަޗަރަޕޯނެވެ.
ސެމީގެ ދެ ވަނަ މެޗުގައި ރޭ ކްލަބް ވޮލީބޯލް ކައިރީގައި އީގަލްސް މޮޅުވީ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މޮޅަށް ކުޅުނު އީގަލްސްއިން ރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ ފަސޭހަކަމާއެކު، 25-09، 25-09 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އީގަލްސްގެ މަރިޔަމް އަޒުމާއެވެ.
ޕޮލިހާއި އީގަލްސް ކުޅޭ ތިންވަނަ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 20:15 ގައެވެ.