ދުނިޔޭ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ ރޭންކިން ސިސްޓަމުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު، 66 ވަނައިގައި ރޭންކް ކޮށްފިއެވެ.

އެފްއައިވީބީން މުޅިން އާ ރޭންކިން ސިސްޓަމަކަށް ޓީމުތައް ރޭންކް ކުރަން ފަށާފައިވާ އިރު، ރާއްޖެ މިވަގުތު އޮތީ ދުނިޔޭގެ 66 ވަނައިގައެވެ. އެއީ ނިސްބަތުން ރަނގަޅު ހިސާބެއްގައެވެ. ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރަމުންދާ އިރު، އެމުބާރާތަކީ ރޭންކިންނަށް ޕޮއިންޓް ގުނަމުންދާ މުބާރާތެކެވެ. ފުރަތަމަ ރޭންކިންގައި ރާއްޖެ 63 ވަނައިގައި އޮތް އިރު، މިހާރު 66 ވަނައިގައި އޮތީ 46.49 ޕޮއިންޓާއެކުގައެވެ.

ރާއްޖޭން ކާވާ މުބާރާތުގައި ކުޅުނު ދެމެޗުންވެސް މިހާތަނަށް ވަނީ ބަލިވެފައެވެ. އެއީ އިންޑިއާ އަދި ކިރިގިސްތާން ކައިރިންނެވެ. އެ ދެމެޗުންވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ. އިއްޔެގެ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވިއިރު، ސެޓުތައް ދިޔައީ، 25-19، 25-16 އަދި 25-22 އިންނެވެ.

އިންޑިއާއިން މިފަހަރު މުބާރާތުގައި ނޭޕާލްވެސް ބަލިކޮށްފައިވާ އިރު، އިންޑިއާ މިހާރު ވަނީ ރާއްޖޭގެ މައްޗަށް ޖެހިލައިފައެވެ. އެއީ 64 ވަނަ އަށެވެ. 65 ވަނައިގައި މިސްރު، 46.90 ޕޮއިންޓާއެކު އޮތް އިރު، 63 ވަނައިގައި އޮތީ އަޔަލޭންޑެވެ. 62 ވަނައިގައި މިވަގުތު އޮތީ ކިރިގިސްތާނެވެ.

ރާއްޖޭގެ އަންހެން ވޮލީ ޓީމަކީ މި ސަރަހައްދުގެ ތިންވަނައެވެ. މި ސަރައްދުގެ ރޭންކިންނަށް ބަލާއިރު ނޭޕާލް އެންމެ ކުރީގައި އޮތީ ދުނިޔޭގެ 60 ވަނައިގައެވެ. އެއީ 54.01 ޕޮއިންޓާއެކުގައެވެ. އޭގެފަހުން އިންޑިއާ އޮތް އިރު، ދެން އޮތީ ރާއްޖެއެވެ. ބަންގްލަދޭޝް، 45.69 ޕޮއިންޓާއެކު ދުނިޔޭ ރޭންކިން 68 ވަނައިގައި އޮތް އިރު، ސްރީ ލަންކާ އޮތީ 85 ވަނައިގައެވެ.

އެފްއައިވީބީން ނެރުނު ފިރިހެން ރޭންކިންގައި އަދި ރާއްޖޭގެ ފިރިހެން ޓީމު ރޭންކް ކުރެވިފައެއް ނުވެއެވެ.