ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި އިއްޔެ ނޭޕާލް ކައިރިންވެސް ބަލިވެއްޖެއެވެ.

މިއަހަރު ކާވާ މުބާރާތް ކުރިއަށްދަނީ ނޭޕާލުގެ ކަތަމަންޑޫގައެވެ. އެއީ މިމަހު 22 އިން 29 ވަނަ ދުވަހާ ހަމައަށެވެ. ޖުމުލަ އަށް ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ނޭޕާލާއި ކިރިގިސްތާންގެ އިތުރުން އިންޑިއާ އަދި ރާއްޖެއެވެ.

އަނެއް ގްރޫޕުގައި ދެން ހިމެނެނީ އިރާނާއި ކަޒަކިސްތާނާއި ސްރީ ލަންކާ އަދި ބަންގްލަދޭޝްއެވެ.

ރާއްޖޭން މިހާތަނަށް ކުޅެފައިވަނީ ކިރިގިސްތާނާއި އިންޑިއާ އަދި ނޭޕާލާ ދެކޮޅަށެވެ. އެ ތިން މެޗުންވެސް ބަލިވީ ސެޓެއް ނުލިބިއެވެ. ކިރިގިސްތާނު ކައިރިން ރަނގަޅު ހިތްވަރެއް ކުރި ނަމަވެސް ސެޓުތައް ދިޔައީ 25-19، 25-16 އަދި 25-22 އިންނެވެ.

އިންޑިއާ ކައިރިން ރާއްޖެ ތިން ސެޓުން ބަލިވީ 25-9 އަދި 25-14 ގެ އިތުރުން 25-17 އިންނެވެ. އިއްޔެ ނޭޕާލް ކައިރިންވެސް ތިން ސެޓުން ބަލިވި އިރު، ސެޓުތައް ދިޔައީ 25-12، 25-9 އަދި 25-20 އިންނެވެ.

އެފްއައިވީބީން ދާދި ފަހުން ނެރުނު ވޮލީބޯޅައިގެ ރޭންކިންގައި ރާއްޖޭގެ އަންހެން ޓީމު ރޭންކް ކުރެވިފައިވާ އިރު، މިފަހަރުގެ މުބާރާތުން އެ ރޭންކިންނަށް ދަނީ ބަދަލު އަންނަމުންނެވެ. ރާއްޖެ ފުރަތަމަ 63 ވަނައިގައި އޮތް އިރު، ތިން މެޗުންވި ބައްޔާއެކު މިހާރު ވަނީ 70 ވަނައަށް ވެއްޓިފައެވެ.

ކާވާ މުބާރާތުގައި ދެން ރާއްޖެއަށް އޮންނާނީ ރޭންކިން ބުރުގެ މެޗުތަކެވެ.