ޔޫއެފާ ނޭޝަންސް ލީގު

ރޮނާލްޑޯއަށް ހާއްސަ ސްޓޭޑިއަމްގައި ދެ ގޯލު، މަންމަގެ ލޮލުން ފަހުރުވެރިކަމުގެ ކަރުނަ

ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާއެކު ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލްއިން ކުޅުނު މެޗުގައި ސްވިޒަލޭންޑް ބަލިކޮށްފިއެވެ.

ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގުރޫޕް ދޭއްގައި ޕޯޗުގަލްއިން ރޭ ކުޅުނު މެޗުގައި ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޕޯޗުގަލް ވަނީ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ. ރޭ އެ ގުރޫޕްގައި ސްޕެއިންއިން ކުޅުނު މެޗު ނިމުނީ 2-2 އިން ޗެކު ރިޕަބްލިކާ އެއްވަރު ވެގެންނެވެ.

ރޭ ޕޯޗުގަލްއިން ކުޅުނު މެޗު ކުޅެފައިވަނީ ރޮނާލްޑޯގެ ފުރަތަމަ ކްލަބު، ސްޕޯޓިން ލިސްބަންގެ ހޯމް ގްރައުންޑް ކަމަށްވާ އެސްޓާޑިއޯ ޖޯސޭ އަލްވަލާޑޭގައެވެ. އެ ދަނޑަކީ ޕޯޗުގަލްއިން އާންމުކޮށް މެޗުތަކަށް ބޭނުން ނުކުރާ ދަނޑެއް ނަމަވެސް އެއީ އެގައުމުގެ އެންމެ ބޮޑު އެއް ސްޓޭޑިއަމްއެވެ.

އެ ދަނޑަކީ ރޮނާލްޑޯ ނިސްބަތްވާ މެޑެއިރާއާ ގާތްގަނޑަކަށް 700 އެއްހާ ކިލޯ މީޓަރު ދުރު މިނެއްގައި އޮންނަ ދަނޑަކަށްވީ އިރު، ޕޯޗުގަލްގައި ދިރިއުޅޭ އޭނާގެ މަންމަ މާރިއާ ޑޮލަރެސް ރޭގެ މެޗަށް ވަދެ އިނެވެ. މާރިއާ މިހާރު އާންމުކޮށް މެޗުތަކުން ނުފެންނަ އިރު، ހާއްސަކޮށް ރޮނާލްޑޯ ކުޅޭ ކްލަބު މެޗުތަކުން މިހާރު އޭނާގެ މަންމަ ވަރަށް ނުފެނެއެވެ. ބެލެވޭ ގޮތުގައި އެއީ ޕޯޗުގަލްގައި މިވަގުތު ދިރިއުޅެމުންދާތީއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ތިން ގޯލު ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ގޯލު ޖެހީ ވިލިއަން ކާވާލިއޯއެވެ. އެ ގޯލަކީ ރޮނާލްޑޯގެ ހިލޭ ޖެހުމަކުން ސްވިޒަލޭންޑްގެ ދިފާއީ ފާރުގައި ހުރި ކުޅުންތެރިއެއްގައި ފައިގައި ޖެހިފައި ދިޔަ ބޯޅައެއް ގޯލްކީޕަރު ގްރެގޯ ކޮބެލް އަތުން ވެއްޓުމުން ރީބައުންސް ބޯޅައިގައި ކާވާލިއޯ ޖެހި ގޯލެކެވެ.

ދެން ފެނުނީ ރޮނާލްޑޯގެ ދެ ގޯލެވެ. ރޭގެ ދެ ގޯލާއެކު ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 117 އަށް އަރައިފައެވެ. ދެ ގޯލު ޖެހުމަށްފަހުވެސް ރޮނާލްޑޯ ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާ އިރު، އޭނާގެ މަންމަ ފެނުނީ އުފަލުން ރޮއިފާ ހުރި މަންޒަރެވެ. އެ މަންޒަރަށް ގިނަ ބަޔަކު ސަމާލުކަންވެސް ހުއްޓުނެވެ.

ޕޯޗުގަލްއިން 2019 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، ރޮނާލްޑޯގެ ފޯމާއެކު އެޓީމުން އަނެއްކާވެސް އެ ކާމިޔާބީއަށް މިސްރާބު ހިފާފައިވާތަން ފެނެއެވެ.