ޚަބަރު

ލާމަރުކަޒީ ގާނޫނަކީ ނަމަކަށް ހަދާފައި އޮތް ގާނޫނެއް: މުއިއްޒު

މުހައްމަދު އިޝާން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ނުވަތަ ލާމަރުކަޒީ ގާނޫނަކީ ނަމަކަށް ހަދާފައި އޮތް ގާނޫނެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ގާނޫނު ތަންފީޒު ވަނީ ވަކި ބަޔަކު ހޮވުމުން ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ދެރަ ލިބެމުންދާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމަކީ ނަމަކަށް ހަދާފަ އޮތް ގާނޫނަކަށް މިއަދު ވެއްޖެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުން އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ވެސް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތާއި ނޯތު ހާބަރާއި ޓީ ޖެޓީގެ މިލްކުވެރިކަން ހޯދަން ސިޓީ ކައުންސިލުން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަންތައް ސިޓީ ކައުންސިލަށް ކާމިޔާބު ނުކުރެވިފައިވަނީ ސަރުކާރުން ލާމަރުކަޒީ ގާނޫނާ އެއްގޮތަށް އަމަލުނުކުރާތީ ކަމަށް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކުރިއަށް އޮތް ފަސް އަހަރުގެ ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ މަސައްކަތްތައް ތަންފީޒުކުރަން ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ވެސް ޑރ. މުއިއްޒު ގެންދަނީ ފާހަގަ ކުރައްވަމުންނެވެ. ސިޓީ ކައުންސިލުން އެކުލަވާލާފައިވާ މާލޭގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށް ދީފައި ނުވާތީ މާލެ ސިޓީ ކައުންސިލުން ގެންދަނީ އެ މައްސަލައިގައި ވެސް ސަރުކާރަށް ފާޑުކިޔަމުންނެވެ.

މީގެއިތުރުން ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ހައުސިން މަޝްރޫއާއި މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ހުއްދަތައް ނުދޭތީ މާލެ ސިޓީ ކައުންސިލުން ގެންދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.