ޚަބަރު

42 ކިލޯގެ ޑްރަގު މައްސަލަ: ފުލުހުން އަމަލު ކޮށްފައިވާ ގޮތް ބަލަން 241 ކޮމިޓީއަށް

މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުއްޓައި އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅަން ނިންމައިފިއެވެ.

ސާޅީސް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ކަމަަށްވާ އަހުމަދު ހުސައިންއާއި އަބުދުﷲ ނަޝީދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަންދުން ދޫކޮށްލައިފައެވެ. އެމީހުން ދޫކޮށްލީ އެ މައްސަލަައިގައި އެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުންނެވެ.

އެމީހުންނަށް ދައުވާ ނުކުރަން ނިންމީ ތިން ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެ ނިންމުންތަކުގައި ފުލުހުންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ މައްޗަށް ޕީޖީން ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިހުލާސްތެރިކަމެއް ނެތިއްޔާ ޑްރަގުގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަށާއި، މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް އިތުރަށް ބެލުމަށް 241 ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

އެ ދެމީހުންނަށް ދައުވާ ކުރަން ނިންމި ނިންމުންތަކުގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައި ވަނީ، އެތަކެތި ފޮރުވާފައި ހުރި، މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބި، ފުލުހުން އެ ގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތް އިރު، އެ ގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވުމާއި މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ އެ ގެއަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމުގައިވުމެވެ.

ދެވަނަ ކަމަކަށް ފާހަގަކޮށްފައި ވަނީ، މި މައްސަލައިގެ ސީންގައި ކަންވީ ގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވުން ކަމަށް ޕީޖީން ބުންޏެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ޕީޖީން ފާހަގަ ކޮށްފައިވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރި އިރު، އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން، ހުށަހެޅި ލިޔުންތަކުން އެނގެން ނެތުމާއި މައްސަލައިގައި ހޯދިދާނެ ކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވުމުގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވުން ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.