އައްޑޫ ސިޓީގައި ދެ ގުރޫޕެއް ދެމެދު ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން ހާލު ސީރިއަސްވި ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ 21 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓައް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، ފަރުވާ ދެމުންދިޔައީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ޝާފީ މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިން ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ ނިޔާވީ ބުރަކައްޓަށް ދިން ފުން ޒަހަމުތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.