ޕައުލް ޕޮގްބާ

ބޮޑު އަގުގައި ގެންދިޔަ ޕޮގްބާ، ހިލޭ ޓްރާންސްފާއެއްގައި ޔުނައިޓެޑް ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާންކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ، ހިލޭ ޓްރާންސްފާއެއްގައި ކްލަބު ދޫކޮށްލާނެ ކަމަށް ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޕޮގްބާ ނިމިދިޔަ ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް މާކުރިންވެސް އޮތީ ޔަގީން ވެފައެވެ. އެއީ ސީޒަނުގެ ފަހު ކޮޅުގައި އޭރު ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި ރާފް ރަންގްނިކް އެކަން މީޑިއާއަށް ޔަގީން ކޮށްދީފައިވާތީއެވެ. މި މަހުގެ ނިޔަލަށް ޕޮގްބާއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތް އިރު، ކްލަބުން ވަނީ އިއްޔެ ރަސްމީކޮށް އެކަން އިއުލާންކޮށް، ޕޮގްބާއަށް ޝުކުރު އަދާކޮށްފައެވެ.

ޕޮގްބާ އެންމެ ފުރަތަމަ ޔުނައިޓެޑަށް ދިޔައީ އުމުރުން 16 އަހަރުގައެވެ. ފްރާންސްގެ ލެ ހާވޭއިން 2009 ވަނަ އަހަރު ޕޮގްބާ ޔުނައިޓެޑަށް ގޮސް، އޭނާ ވަނީ 2012 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑްގެ ޔޫތު ޓީމުތަކަށް ކާމިޔާބީތަކެއްވެސް ހޯދައިދީފައެވެ. 2011 ވަނަ އަހަރު ޔުނައިޓެޑްގެ ޒުވާން ޓީމަށް ޔޫތު ކަޕް ހޯދައިދިނުމުގައި ޕޮގްބާ މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، 2012 ވަނަ އަހަރު އެ ކްލަބު ދޫކޮށް ޔުވެންޓަސް އަށް ދިޔައީ ސީނިއާ ޓީމަށް މެޗު ކުޅުމަށްފަހުއެވެ.

ޔުވެންޓަސްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ސުޕަ ސްޓާރެއްގެ ގޮތުގައި ޕޮގްބާ އެނބުރި އެ ކްލަބަށް ދެން ދިޔައީ 2016 ވަނަ އަހަރުއެވެ. ޕޮގްބާ އެނބުރި ޔުނައިޓެޑަށް ދިޔައީ އޭރުގެ ރެކޯޑު ޓްރާންސްފާއެއްގައި 89 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޔުނައިޓެޑް ޖާޒީގައި ޕޮގްބާ މިހާތަނަށް ޖުމުލަ 233 މެޗެއް ކުޅެފައިވާ އިރު، އޭނާ ވަނީ 39 ގޯލު ޖަހައިދީފައެވެ.

ޕޮގްބާ ޔުނައިޓެޑަށް 2016 ވަނަ އަހަރު ބަދަލުވެ، ފުރަތަމަ ކޮޅުގައިވެސް ޔުވެންޓަސްގައި ދެއްކި ކުޅުން ދެއްކިފައެއް ނުވެއެވެ. އެކަމުގެ ސަބަބުން ތަކުރާރުކޮށް މީޑިއާތަކުންނާއި ސަޕޯޓަރުންވެސް ވަނީ ޕޮގްބާއަށް ފާޑު ކިޔައިފައެވެ. ދަށް ފޯމެއްގައި ޕޮގްބާ ފެނިގެން ގޮސްފައިވާ އިރު، ކުރިން ޔުނައިޓެޑްގައި ހުރި ކޯޗު ޖޯސޭ މޮރީނިއޯއާ އޭނާއާ ބޮޑެތި މައްސަލަތަކެއްވެސް ޖެހިފައިވެއެވެ. އަނިޔާގެ މައްސަލަތައްވެސް ޕޮގްބާއަށް ޔުނައިޓެޑްގައި ކުރިމަތިވެފައިވާ އިރު، މިިދިޔަ ސީޒަނުގައިވެސް ކުޅެފައި ވަނީ އެންމެ 27 މެޗެއްގައެވެ.

"ޕޮގްބާގެ ފަރާތުން ޔުނައިޓެޑުގައި އިންޑިވިޖުއަލް ވަރަށް މޮޅު ކުޅުންތަކެއް ފެނިގެން ދިޔަ ނަމަވެސް ނިންމާލަން ޖެހުނީ އުނދަގޫކޮށް. ބައިވަރު ހިތްގައިމު ގޯލުތަކާއި ހުނަރު، އަދި އެސިސްޓްތައް ޕޮގްބާގެ ފަރާތުން ފެނުނު. އެކަޑެމީއަށް އުމުރުން 16 އަހަރު ގުޅުނު ކުޅުންތެރިއެއް، 200 އަށްވުރެ ގިނަ މެޗު ޔުނައިޓެޑްގެ ޖާޒީގައި ކުޅެ، ބޮޑު ދެ ކާމިޔާބީއެއް ހޯދައި، ވަކިވެ ދިޔުމަކީ އެކަމަށް ތަރުހީބު ދީ، އުފާކުރަން ޖެހޭ ކަމެއް،" ޔުނައިޓެޑުން ނެރުނު ބަޔާނުގައިވެއެވެ.

ޕޮގްބާ ވަނީ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑަށް އެކަށޭނެ ކުޅުމެއް ނުދެއްކުނު ނަމަވެސް، 2018 ވަނަ އަހަރުވެސް ގައުމީ ޓީމަށް މޮޅަށް ކުޅެ، ޕޮގްބާ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި، ވޯލްޑް ކަޕްގެ ތަށިވެސް އުފުލައިލައިފައެވެ.

ފްރާންސް ގައުމީ ޓީމަށް އެންމެ މުހިއްމު އެއް މިޑްފީލްޑަރު ޕޮގްބާ ކުރިއަށް އޮތް ތަނުގައި ފެންނާނެ ކްލަބެއް އަދި ނޭނގެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އޭނާ ދެން ފެނުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީ ނޫނީ، އިޓަލީގެ ކޮންމެވެސް ކްލަބަކުންނެވެ.