އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ހ. ދޫވެއްސަށް ވަދެ، އެގޭގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ކުރިމިނަލް ކޯޓުގައި ފުލުހުން އެދުނު ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދިނުމަށް ފުލުހުން އެ ކޯޓުގައި ހަ ސަބަބެއް ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ސަބަބަކީ ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާ އަދި ރައްޔިތުންގެ މަސްލަހަތަށް ބުރޫ އަރާ ގޮތަށް މާލޭގެ ބައެއް ގޭގޭގައި އާންމުކޮށް ފެންނާން ހުންނާނެ ގޮތަށް އިންޑިއާއާ ދެކޮޅަށް ލިޔުންތައް ލިޔެ ބެނާ ހަރުކުރަމުންދާ މައްސަލައަކީ އިންޑިއާއަށް ނިސްބަތްކޮށް ހިންގޭ އެގައުމުގެ ގަދަރާއި ކަރާމަތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމެވެ.
ދެވަނަ ސަބަބަކީ ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އެގައުުމުގައި ދިރިއުޅޭ އަދި އެގައުމަށް ޒިޔާރަތްކުރާ ރައްޔިތުންގެ މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށް ފެނުމެވެ.
ތިންވަނަ ސަބަބަކީ ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖޭގެ ހިމާޔަތާއި ރައްކާތެރިކަމުގައި ތިބޭ ބިދޭސީ ޑިޕްލޮމެޓުންނާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ދައުލަތުގެ މަސްއޫލިއްޔަތަކަށްވުމެވެ.
ހަތަރު ވަނަ ސަބަބަކީ އެފަދަ އަމަލުތަކަކީ އޭގެ ވަށައިގެންވާ ކަންކަމުގެ ސަބަބުން އެފަރާތްތައްވެސް ނުރައްކަލަކަށް ހުށަހެޅި ރާއްޖޭއާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރު ކުރާނެ ކަމަށް ވުމުން އެ ބެނާތައް ނެގުމަށް ގޭގެ ވެރިފަރާތްތަކަށް އެންގުމުންވެސް ބެނާތައް ގޭގެ ވެރިފަރާތްތަކުން ނަގާފައިނުވާތީ ގާނޫނާ ހިލާފު އަމަލު ހުއްޓުވުމެވެ.
ފަސް ވަނަ ސަބަބަކީ އެ ތަކެއްޗަކީ އެ ތުހުމަތުތަކާ ގުޅިގެން ހިންގަންޖެހޭ ތަހުގީގުގައި ހެކީގެ ގޮތުގައިވެސް ބޭނުންކުރަންޖެހޭ އަސާސީ އަދި މާއްދީ ހެކިތައް ކަމަށްވާތީ އެ ކުށުގެ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ހެކީގެ ގޮތުގައި ބޭނުން ކުރުމެވެ. ހެކީގެ ގޮތުގައި ބޭނުން ކުރުމަށް އެއީ ހަވަނަ ނުކުތާއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ހައިކޯޓުގެ އެ ގަޒިއްޔާގެ އެ ނިންމުމަށް ބެލުމުން ކުރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވާ ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތްކަން ފާހަގަވާ ކަމަށެވެ.
"ކުރިމިނަލް ކޯޓުގައި ފުލުހުން އަމަލުކުރަން އެދިފައިވަނީ އެންމެ ސަބަބެއްގެ މައްޗަށް ނޫން، އެތަކެއް ސަބަބުތަކުގެ މައްޗަށް. އަނެއް ކަމަކީ މި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރާއިރު، އެ ގާނޫނު އެކުލަވާލި ފަރާތް ރައްޔިތުންގެ މަޖިލީހުގެ ނިޔަތް އެ މާނަކުރުުމުގައި ރަމްޒުވެފައި ނެތްކަން. އެ ނިޔަތް އެންމެ ރަނގަޅަށް ރަމްޒުނުވާ ނަމަ ގާނޫނުތައް އިސްލާހުކޮށް އެކަންކަން ބަދަލުކުރުމަށް މި މަޖިލީހުން މަސައްކަތް ކުރަންވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ މިވާހަކަ މެންބަރުންނަށް ފާހަގަ ކޮށްދިނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު