ލިވަޕޫލް

މާނޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި!

ލިވަޕޫލްގެ ސެނެގާލް ތަރި ސަޑިއޯ މާނޭ، އެ ކްލަބު ދޫކޮށްލަން ނިންމައި، އެކަން ކްލަބަށް އަންގަން ނިންމާފައިވާ ކަމަށް އިތުބާރު ހުރި ރިޕޯޓުތަކުން ބުނެފިއެވެ.

ޔޫރަޕް ފުޓުބޯޅައިގެ އެންމެ އިތުބާރު ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި މާނޭ ލިވަޕޫލް ދޫކޮށްލަން ނިންމައި، އެކަން ވަރަށް އަވަހަށް ބޯޑަށް އަންގާނެއެވެ. މާނޭ ކްލަބު ދޫކޮށްލަން ނިންމާފައި ވަނީ ކެރިއަރުގައި އާ ތަޖުރިބާއެއް ހޯދަން ބޭނުންވާތީ ކަމަށްވެސް އޭނާ ރިޕޯޓު ކޮށްފައިވެއެވެ.

މާނޭ ސީޒަން ނިމުމުގެ ކުރިންވެސް އެ ނިންމުން ނިންމާފައިވާ ކަމަށްވެސް ފަބްރީޒިއޯ ބުނެފައިވެއެވެ. ރިޕޯޓުތައް ބުނެފައިވާ ގޮތުން މާނޭ ލިވަޕޫލް ދޫކޮށްލާނެކަން އިއުލާން ނުކުރީ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮތުމުން، ފައިނަލްގެ ކުރިން އެފަދަ ވާހަކަތަކެއް ނުދެއްކުމަށެވެ. މާނޭ ފެށުނީއްސުރެ އަބަދުވެސް ލިވަޕޫލަށް ފުރިހަމައަށް އިހުތިރާމް ކުރަމުން ގޮސްފައިވާ އިރު، ނިންމުން ނިންމައި އެކަން ރަސްމީކޮށް އިއުލާންކުރާނީވެސް ކްލަބުން ނިންމާ ގޮތަކަށް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ މާނޭ އިނގިރޭސި ފުޓުބޯޅައަށް ތައާރަފް ވެގެން ދިޔައީ 2014 ވަނަ އަހަރު ސައުތުހެމްޓަންއިންނެވެ. އެ ކްލަބަށް އޭނާ ދިޔައީ އޮސްޓްރިއާގެ ސާލްސްބާގުން ވިދާލައިގެންނެވެ. އޭނާގެ ކާމިޔާބީތައް އިނގިރޭސި ފުޓުބޯޅައިގައި ފެށުނީ 2016 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ހިސާބުންނެވެ.

ލިވަޕޫލަށް މާނޭ ކުޅުނު 269 މެޗުން އޭނާ 120 ގޯލު ޖަހައިފައިވާ އިރު، 48 ގޯލަށް އެސިސްޓް ކޮށްދީފައިވެއެވެ. ލިވަޕޫލާއެކު އެފްއޭ ކަޕާއި ލީގު ކަޕްގެ އިތުރުން އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގުވެސް ހޯދި މާނޭ ވަނީ އެ ކްލަބުގައި ޖުމުލަ ހަ ތަށި އުފުލާލައިފައެވެ.

ސެނެގާލާއެކު ދާދިފަހުން އެފްކޯންވެސް ކާމިޔާބުކުރި މާނޭ ގެންދަން އެންމެ ގަދައަށް މަސައްކަތް ކުރަމުންދަނީ ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކެވެ. ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މާނޭ ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީވެސް ބަޔާންއަށެވެ. އެހެން ނަމަވެސް އެކަމުގެ ރަސްމީ މަޝްވަރާތައް އަދި ފެށިފައެއް ނުވެއެވެ.