މުހައްމަދު ސަލާހު

އަންނަ ސީޒަނުގައި ޔަގީނުންވެސް ހުންނާނީ ލިވަޕޫލްގައި: ސަލާހް

އަންނަ ސީޒަނުގައި ލިވަޕޫލްގައި މަޑުކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް، ކްލަބުގެ މިސްރު ތަރި މުހައްމަދު ސަލާހް ބުނެފިއެވެ.

ސަލާހުގެ ކުރިމަގާމެދު ބައެއް ވާހަކަތައް ދެކެވެމުން އަންނަ ދަނޑިވަޅުގައި އޭނާ އެހެން ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ކުރިން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ސަލާހު ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުން، މިވަގުތު ލިވަޕޫލުން ހުށަހަޅާފައިވާ ހުށަހެޅުން ސަލާހުގެ ފަރާތުން އަދި ގަބޫލުކޮށްފައެއް ނުވެއެވެ. އެއީ ސަލާހް ބޭނުންވާ އަދަދެއްގެ މުސާރަ ލިވަޕޫލުން ކަނޑައަޅާފައި ނުވާތީއެވެ. މީގެ ކުރިން ސަލާހު ދެފަހަރެއްގެ މަތިން ބުނެފައި ވަނީ "ބޭނުން ވަނީ ލިވަޕޫލުގައި މަޑުކުރަން ނަމަވެސް ކުރާ ޑިމާންޑް ލިވަޕޫލަށް އެނގޭނެ،" ކަމަށެވެ. އެހެންކަމުން އަންނަ ސީޒަނުގައި ސަލާހް ލިވަޕޫލުގައި މަޑުކުރާ ނަމަވެސް، ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާ ކްލަބު ބަދަލުކުރުން އެކަށީގެން ވެއެވެ.

"ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ކުރިމަގާ މެދު ވާހަކަ ދައްކަން ބޭނުމެއްވެސް ނުވޭ. މިވަގުތު އަހަރެން ބޭނުންވަނީ ހެންޑަސަން ތަށި އުފުލައިލާތަން ދެކެން. އަހަރެން އަމިއްލަ އެދުން އިސްކޮށް އެއްބަސްވުމުގެ ވާހަކަ ދައްކަން ބޭނުމެއް ނޫން. އެކަމަކު އަންނަ ސީޒަނުގައިވެސް ލިވަޕޫލުން ފެންނާނެ ކަމުގެ ޔަގީންކަން އަހަރެން ދެން،" އުމުރުން 29 އަހަރުގެ ސަލާހް ބުންޏެވެ.

މިހާތަނަށް ސީޒަނުގައި 31 ގޯލު ޖަހާފައިވާ ސަލާހުގެ އިތުރުން، 23 ގޯލު ޖަހައިފައިވާ ސަޑިއޯ މާނޭ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުންވެސް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. މާނޭ ބުނެފައި ވަނީ އެއްބަސްވުން އާކުރުމުގެ ވާހަކައިގެ އިތުރުން، ކުރިމަގާމެދު އެއްވެސް ވާހަކައެއް ދައްކާނަމަ ދައްކާނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހުގައި ކަމަށެވެ.

ސަލާހާއި މާނޭއަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލުން ނެރޭނެ އެންމެ މުހިއްމު ހަތިޔާރުވެސް މެއެވެ. ދެ ކުޅުންތެރިންގެ އެޓޭކިން ފެންވަރަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރެވެ. 2017 ވަނަ އަހަރު ސަލާހް ރޯމާއިން ލިވަޕޫލަށް ބަދަލުވި ފަހުން މިހާތަނަށް އޭނާ ވަނީ ކުޅުނު 253 މެޗުން 156 ގޯލު ޖަހައިދީފައެވެ.

ސަލާހް ވަނީ ލިވަޕޫލާއެކު ޕްރިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ލީގު ކަޕް، އަދި ޔޫއެފާ ސުޕަ ކަޕާއި ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.