ޕީއެސްޖީ

ރެއާލް ސަޕޯޓަރުން އަހަރެންގެ ނިންމުން ބަލައިގަންނާނެ ކަމަށް އުންމީދުކުރަން: އެމްބާޕޭ

ރެއާލް މެޑްރިޑަކީ އަބަދުވެސް އިހުތިރާމު ކުރާ ކްލަބެއް ކަމަށާއި، ޕީއެސްޖީގައި މަޑުކުރަން ނިންމި ނިންމުން ރެއާލް ސަޕޯޓަރުން ބަލައިގަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

އެމްބާޕޭ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައިވަނީ ޕީއެސްޖީން އޭނާއަށް ހުށަހެޅި އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައެވެ. އެމްބާޕޭ ޕީއެސްޖީއާއެކު އެއްބަސްވުން އާކުރީ ރެއާލްއާ އެކުވެސް އެއްބަސްވުމަކަށް ދިޔުމަށްފަހު، "ޔޫ ޓާން" އެއް ނަގައިފައެވެ. އެކަމުގެ ސަބަބުން ރެއާލްގެ ސަޕޯޓަރުންގެ ނުރުހުންވެސް އެމްބާޕޭއަށް ވަނީ އަމާޒުވެފައެވެ.

މިދިޔަ ސީޒަން ނިންމުމަށްފަހު އެމްބާޕޭ އަމިއްލައަށް ރެއާލްއަށް ބަދަލުވާން އެދުނު އިރު، އެފަހަރު ޕީއެސްޖީން ދޫ ނުކުރީއެވެ. އޭރު އޮތް ގޮތުން މިސީޒަނުގެ ނިޔަލަށް ޕީއެސްޖީން އެމްބާޕޭއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އޮތީ ހަމަވާށެވެ. އެ މުއްދަތު ހަމަވާން ކުޑަ ދުވަސް ކޮޅަކަށް ވެފައި އޮތް އިރުވެސް އެމްބާޕޭގެ ނިންމުން އޮތީ ރެއާލްއަށް ދާ ގޮތަށް ނަމަވެސް، ފަހުވަގުތު އެ ނިންމުން ބަދަލުކުރިއެވެ. ސޮއިކުރުމުން ދޭ ބޮޑު ފައިސާއަށްވެސް ބަލައި އެމްބާޕޭ ނިންމުން ބަދަލުކުރީ ޕީއެސްޖީގެ ހިންގުމުގައިވެސް ބަސް ބުނެވޭނެ ފަދަ ނުފޫޒެއް ދޭން އެއްބަސްވެގެން ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފައިވެއެވެ.

އެމްބާޕޭގެ ނިންމުމަށް ފާޑު ކިޔައި، ޕީއެސްޖީން ކުޅިވަރުގެ ރިވެތި އުސޫލުތައް ފުނޑާލާ ކަމަށް ބުނެ ލަލީގާއިން ވަނީ ރަސްމީ ބަޔާނެއްވެސް ނެރެފައެވެ. އެއީ އަނގަބަހުން ވި އެއްބަސްވުމެއް އެމްބާޕޭ ބަދަލު ކުރުމުންނެވެ.

"އަހަރެން އަބަދުވެސް ރެއާލް އަށާއި، އެ ކްލަބުގެ ރައީސް ޕެރޭޒްއަށް ވަރަށް އިހުތިރާމު ކުރަން. އަހަރެން އުފާކޮށްދޭން ރެއާލްއިން ވަރަށް ބޮޑަށް މަސައްކަތްވެސް ކުރި. އެހެންވެ އަހަރެން ޕާސަނަލީ ޕެރޭޒްއަށް ގުޅައިގެން ހާލަތު ކިޔައިދިނީވެސް. އަހަރެން އުމުރުން އެންމެ 14 އަހަރުން ފެށިގެންވެސް ރެއާލްގެ ޖާޒީ ލައިގެން އުޅުނީ. އަހަންނަށް އެނގޭ ކަންކަން ހިނގައިދިޔަ ގޮތުން ރެއާލް ސަޕޯޓަރުން ވަރަށް ބޮޑަށް މާޔޫސްވާނެ ކަންވެސް. އެކަމަކު އަހަރެން ނިންމި ނިންމުން އެ ސަޕޯޓަރުން ބަލައިގަންނާނެ ކަމަށް އުންމީދުކުރަން. ރެއާލް ސަޕޯޓަރުން އަބަދުވެސް އަހަރެން ބަލައިގަންނާނެ،" އެމްބާޕޭ ޕްރެސް ކޮންފަރެންސްގައި ބުންޏެވެ.

އެމްބާޕޭ ބުނީ މިދިޔަ އަހަރު ޕީއެސްޖީ ދޫކޮށް ދާން އުޅުނީ، އެއީ އޭރުގެ ހާލަތަށް ބަލައިފައި ކަމަށާއި، މިހާރު ޕީއެސްޖީގެ ޕްރޮޖެކްޓަށް ބަދަލުތަކެއް އައިސްފައިވުމާއެކު މަޑުކުރުން އެއީ އެންމެ ރަނގަޅު ނިންމުން ކަމަށްވެސް ދެކޭ ކަމަށެވެ. އޭގެ އިތުރުން އެމްބާޕޭ ފާހަގަކުރީ ފްރާންސަށް އޭނާގެ ހިތުގައި އޮންނަ ލޯތްބަކީވެސް ނިންމުން ނިންމުމުގައި ބޮޑު ދައުރެއް އަދާކުރި ކަމެއް ކަމަށެވެ.

އެމްބާޕޭ އިތުރަށް ބުނީ އޭނާއަކީ ކުޅުންތެރިއެއް ކަމަށާއި، އޭގެ ބޭރުން ކްލަބަށް އެހެން އެއްވެސް ނުފޫޒެއް ފޯރުވަން އެއްވެސް ގޮތަކުން މަސައްކަތް ނުކުރާނެ ކަމަށެވެ. އެފަދަ ގޮތަކަށް އެމްބާޕޭ ވާހަކަ ދައްކާފައި ވަނީ އޭނާ ޕީއެސްޖީއާއެކު އަލަށްވި އެއްބަސްވުމުގައި ކްލަބުގެ ކޯޗު ކަނޑައެޅުމުގެ ބާރުގެ އިތުރުން ޓްރާންސްފާތަކަށް ބާރު ފޯރުވޭ ގޮތަށް އޮންނަ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާތީއެވެ.

އެމްބާޕޭގެ ޓްރާންސްފާގެ ވާހަކައަކީ މިދިޔަ ސީޒަނުން ފެށިގެންވެސް މީޑިއާތަކުގައި އެންމެ ގަދައަށް ދެކެވެމުން އައި ވާހަކައެކެވެ. ރެއާލްއަށް އެމްބާޕޭ އާނބަސް ބުނި ނަމަވެސް، ފަހުވަގުތު އެ ހާލަތު ބަދަލުވެގެން ދިޔައީ ތަފާތު ގޮތަކަށެވެ. ހާއްސަކޮށް އެކަން ކުރުމުގައި ޕީއެސްޖީގެ ވެރިޔާ ނަސޭރު އަލް ހެލައިފީ ކަންކަން ކުރި ގޮތުން ގިނަ ބަޔަކަށް ވަނީ ޝޮކެއް ލިބިފައެވެ.

އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފްރާންސާއެކު ޒުވާން އުމުރުގައި ވޯލްޑް ކަޕްވެސް ކާމިޔާބުކުރި އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު މި އަހަރުގެ ފްރާންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭނާ މި ސީޒަނުގައިވެސް ކުޅުނު 34 މެޗުން 25 ގޯލު ޖަހައި 17 ގޯލަކަށް އެސިސްޓް ކޮށްދީފައިވެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުމުގެ ފަހަތުގައި ފައިސާއަށްވުރެ ބޮޑަށް ވަނީ ސިޔާސީ ނުފޫޒެކެވެ. އެއީ ގަތަރުގެ ވޯލްޑް ކަޕާ ގުޅުންހުރި ނުފޫޒެއް ކަމަށްވެސް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.