ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކުރިއަށް އޮތް ސީޒަނުގައިވެސް ޕީއެސްޖީގައި މަޑުކުރަން ނިންމައި، އެކަން ރެއާލް މެޑްރިޑަށް އަންގާފައިވާކަން އިތުބާރު ހުރި ފަރާތްތަކުން ޔަގީން ކޮށްދީފިއެވެ.
ރެއާލް މެޑްރިޑަށް ދާނެ ކަމަށް ބެލެވެމުންދިޔަ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމި ކަމަށް އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ ޔަގީންކޮށްދީފައެވެ. ފަބްރީޒިއޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމްބާޕޭ މަޑުކުރަން ނިންމައި، އެކަން މިހާރު ވަނީ ރެއާލްގެ ރައީސް ފިލޮރެންޓީނޯ ޕެރޭޒްއަށް ރަސްމީކޮށް އަންގައިފައެވެ.
މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތް އިރު، ބެލެވިފައި އޮތީ އޭނާ ރެއާލްއަށް ބަދަލުވާނެ ކަމަށެވެ. ހާއްސަކޮށް އެންމެފަހުން ނިމިދިޔަ ޓްރާންސްފާ ސީޒަނުގައިވެސް އެންބާޕޭ އަމިއްލައަށް ބޭނުންވެ، ރެއާލްއަށް ދާން ޕީއެސްޖީ ކިބައިން އެދިފައިވުމުން އެކަމަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުވެސް ކުރަމުންނެވެ. މީގެ ދެ ދުވަސްކުރިންވެސް ގިނަ ބަޔަކު ބެލީ އެމްބާޕޭ ރެއާލްއަށް ދާން ނިންމާފައިވާ ކަމަށެވެ.
އެމްބާޕޭގެ ޓްރާންސްފާގެ ވާހަކަ މީޑިއާގައި ވަރަށް ބޮޑަށް އިތުރު ވެފައިވާ އިރު، މިވަގުތު އޭނާގެ ޓްރާންސްފާ މެނޭޖު ކުރަމުން ދަނީ އާއިލާއިންނެވެ. އެއީ އެޖެންޓް މިނޯ ރައިއޯލާ ދާދިފަހުން މަރުވުމާ ގުޅިގެންނެވެ. އިއްޔެގެ ވަގުތެއްގައި އެމްބާޕޭގެ ޓްރާންސްފާއާ ގުޅިގެން އޭނާގެ މަންމަ ބުނީ ރެއާލްއާއި ޕީއެސްޖީގެ ހުށަހެޅުންތައް ދާދި އެއްގޮތް ކަމަށާއި ގޮތް ނިންމާނީ އެމްބާޕޭ ކަމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޕީއެސްޖީން އެމްބާޕޭއަށް ސޮއިކުރުމަށް އެދި ބޮޑެތި އަދަދުތަކެއް ހުށަހަޅާފައިވެއެވެ. އެގޮތުން އާ އެއްބަސްވުމުގައި ސޮއިކުރުމާ އެކު 200 މިލިއަން ޕައުންޑުގެ ސައިނިން ބޯނަސްއެއް ދޭ ގޮތަށް ހުށަހަޅާފައިވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އޭގެ އިތުރުން ޕީއެސްޖީއާއެކު އަލަށް ހެދޭ އެއްބަސްވުމުގައި އެމްބާޕޭއަށް ކްލަބުގެ އެތެރޭގެ ބައެއް ޓެކްނިކަލް ކަންކަމަށް ބާރު ފޯރުވޭނެ މާއްދާތަކެއް ހިމަނާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ.
އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފްރާންސާއެކު ޒުވާން އުމުރުގައި ވޯލްޑް ކަޕްވެސް ކާމިޔާބުކުރި އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު މި އަހަރުގެ ފްރާންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭނާ މި ސީޒަނުގައިވެސް ކުޅުނު 34 މެޗުން 25 ގޯލު ޖަހައި 17 ގޯލަކަށް އެސިސްޓް ކޮށްދީފައިވެއެވެ.