ސެނެގާލާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ ފްރާންސްގެ އެޓޭކިން ފެންވަރުގެ ކުޑަ މިންވަރެއް ކަމަށް ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ފްރާންސުން މިދިޔަ ދެ ވޯލްޑް ކަޕްގެ ވެސް ފައިނަލް ކުޅެފައިވެއެވެ. އެއީ 2018 އަދި 2022 ވަނަ އަހަރުއެވެ. އޭގެ ތެރެއިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް އެގައުމުން ނެގި ނަމަވެސް، 2022 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުން ބަލިވީ ޕެނަލްޓީގައެވެ. އެ ފައިނަލުގައި އެމްބާޕޭ ވަނީ އާޖެންޓީނާ ކޮޅަށް ހެޓްރިކް ހަދައިފައެވެ. އެ ދެ ފައިނަލުގައި ވެސް އެމްބާޕޭގެ ދައުރު ބޮޑުކަން ވެސް ފާހަގަވެފައިވެއެވެ.

މިއަހަރުގެ މުބާރާތަށް ނުކުތް އިރުވެސް ފްރާންސްގެ އެޓޭކަށް އުންމީދުތައް ބޮޑުކޮށް އޮތް އިރު، ސެނެގާލް ކައިރިން ފުރަތަމަ މޮޅު ހޯދީ 3-1 އިންނެވެ. އެ މެޗުގައި އެމްބާޕޭ ދެ ގޯލް ޖެހި އިރު، އެ މެޗުގެ ދެވަނަ ހާފުގައި ފްރާންސް ވަނީ މޮޅެތި އެޓޭކްތަކެއް ކޮށްފައެވެ. ހާއްސަކޮށް އެމްބާޕޭގެ އިތުރުން ކްލަބު ފުޓުބޯޅައިގައި ފޯމު ރަނގަޅުކޮށް ހުރި މައިކަލް އޮލީސޭއަށް ވެސް މީޑިއާގައި ތައުރީފު އަމާޒުވެފައިވެއެވެ.

"މިއީ 2018 އަދި 2022 އަށްވުރެވެސް އެޓޭކް ރަނގަޅުވާނެ ޓީމެއް. ހާއްސަކޮށް ކުރިއަށް ޖެހިލާ ގަޑީގައި މިއީ މާބޮޑަށްވެސް ނުރައްކާ ޓީމެއް،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ ފްރާންސްގެ ފުރަތަމަ 11 އިން އާންމުކޮށް ފެނިގެންދާ އޮލީސޭ އާއި އޭނާގެ އިތުރުން އުސްމާން ޑެމްބެލޭގެ "އަންޑަސްޓޭންޑިން" ވަރަށް ރަނގަޅު ކަމަށާއި ދެން އަރާ ފޯވަޑް ޑިސައިރޭ ޑޫއޭއާއެކު ވެސް އެޓޭކްލައިން އޮންނަ ގުޅުން ފުރިހަމަ ކަމަށެވެ.

"އަހަންނާ އޮލީސޭއާ ގުޅުން ރަނގަޅަށް ވެސް މި ފެންނަނީ އަހަރެމެން ހަތަރު އެޓޭކަރުން ވެސް ގުޅުން ރަނގަޅު ކަމުން. ދަނޑުމަތީގައި މޫވްމަންޓްތަކާއި ޓެކްޓިކަލް ވިސްނުން ވެސް އަހަރެމެން ހަތަރު މީހުން ވެސް ވަރަށް ރަނގަޅު އަންޑަސްޓޭންޑިންއެއްގައި ފެނިގެން ދަނީ،" އެމްބާޕޭ ބުންޏެވެ.

އެންމެފަހުން ފްރާންސް ކުޅުނު މެޗަށްފަހު ޑެމްބެލޭއަށް ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެހެން ނަމަވެސް އެމްބާޕޭ ބުނީ އެ ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާކަން ހަނދާނުން ފޮހެލައިގެން ނުވާނެ ކަމަށާއި މުޅި އެޓޭކްގައި އެއީ އެންމެ މުހިއްމު އެއް ތަނބު ކަމަށެވެ. އަދި ސެނެގާލް މެޗުގައި ވެސް ޑެމްބެލޭ އެތައް ޖާގައެއް ތަނަވަސްކޮށްދިން ކަމަށް އެމްބާޕޭ ބުންޏެވެ.

ފްރާންސުން އިރާގާ ދެކޮޅަށް ނުކުންނަ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ އޮންނާނީ ރާއްޖެ ގަޑިން 2:00 ގައެވެ.