މަޖިލީހުގެ ރައީސް

ޝަންގަރިއްލާ ހުޅުވުން އަވަސް ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލު މަޖިލީހުން ގެނެސްދޭނަން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އައްޑޫސިޓީގައި ޓޫރިޒަމް ތަރައްގީ ކުރުމަށްތަކައި، ޝަންގަރިއްލާ ހުޅުމަށް މަގުފަހި ކުރުމުގެ ގޮތުން، ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލު މަޖިލިސް ތެރެއިން ގެނަސްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންގަރިއްލާ ހުޅުވުން ލަސްވަމުންދާ މައްސަލައިގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ޓޫރިޒަމް މިނިސްޓަރު ޑރ އަބުދުﷲ މައުސޫމާ ކުރެއްވި ސުވާލަކަށް މިނިސްޓަރު ދެއްވި ޖަވާބުގައި، އެ ބިލު ފާސް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވުމާ ގުޅިގެންނެވެ.

މެންބަރު ނާޒިލްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ، އެންމެ އުފާ ލިބޭނެކަމަކީ، ޝަންގަރިއްލާ ހުޅުވުން ކަމަށެވެ.

ބައެއް ކަންކަމުގައި އެކްރީމެންޓުގައި ލިޔެފައި ހުންނަ ގޮތުން ނިހާޔަތަށް ގެއްލުންވަމުންދާ ކަމަށާއި، ޝަންގަރިއްލާ ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެގްރީމެންޓަކީވެސް އެފަދަ އެގްރީމެންޓެއްކަމަށް މައުސޫމު ވިދާޅުވިއެވެ.

އެ އެގްރީމެންޓް ލިޔެވިފައި އޮތްގޮތުން ޝަންގަރިއްލާ ކުންފުންޏަށް 68 މިލިޔަން ޑޮލަރަށްވުރެގިނަ ޑޮލަރު ސަރުކާރުން ދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އެފަރާތުން ނަގާފައިވާ ލޯނުގެ 30 ޕަސެންޓްގެ ހިއްސާދާރެއްގެ ގޮތުން ދައްކަންޖެހޭ އަދަދެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެތަން އަވަހަށް ހުޅުވުމަށް ބާރު އެޅުމުގެ ގޮތްގޮތުން އެކިއެކި މަސައްކަތްކޮށް ދެން އޮތް ގޮތަކީ، އެތަނުގެ ހިސާދާރުގެ ހައިސިއްޔަތުން ހިއްސާ ގަތުން ކަމަށެވެ. ނަމަވެސް ގާނޫނު މިހާރު އޮތް ގޮތުން އެ ރަށުގެ ސައިޒާ ހެދި ވަރަށްބޮޑު އަދަދެއް ދަައްކަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ގާނޫނަށް އެބަދަލު ގެންނަން މަޖިލީހަށް ހުށަހަޅާފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ގާނޫނު ބަދަލު ކުރަން ހުށަހަޅާފައި ވަނީ، ސަރުކާރުގެ ހިއްސާ ބަދަލު ކުރުމަށް ގެންގުޅޭ ފޯމިއުލާއަށް ބަދަލުގެނެވޭ ގޮތް ހެދުމަށް ކަމަށްވެސް މިނިސްޓަރު މައުސޫމު ވިދާޅުވިއެވެ. އެގޮތުން ގެނެވޭ ބަދަލާއެކު ޝަންގަރިއްލާ ހުޅުވިގެން ދިއުން ވެގެންދާނީ އައްޑޫ ސިޓީއަށް އަންނަ ބޮޑު ބަދަލަކަށް ކަމަށްވެސް މައުސޫމު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު މައުސޫމު ވިދާޅުވީ އެ ރިސޯޓު ހުޅުވޭނެ ވަކި ތާރީހެއް ކަނޑައަޅައި ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް މިިނިސްޓަރު މައުސޫމު ޖަވާބުދެއްވައި ނިމުމުން، ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޝަންގަރިއްލާ ވާހަކަ ވަރަށް ދެކެވިއްޖެ ކަމަށެވެ. ނަމަވެސް އަދިވެސް އެކަން އޮތީ ނުވެފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ކޮންމެ ބަދަލެއްވެސް ގެންނަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.