މިއަދު ބޮމެއް ނުގޮވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް "ގެއްލުވާނުލިޔަސް" ގެއްލިއްޖެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުލުމުގެ ދުވަސްކޮޅެއް ކުރިން އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހު އެމްޑީޕީގެ ރައީސް ނަޝީދު ގެއްލޭނެ ކަމަށެވެ.

ނަޝީދު ގެއްލޭނެކަމަށް އިބްރާ ކުރެއްވި ޓުވީޓުގެ މައްސަލަ މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ 241 ކޮމިޓީއަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމުގެ ބަދަލުގައި އެ ކޮމިޓީން ނިންމީ އިބްރާ ކުރެއްވި އެ ޓުވީޓުގެ މައްސަލަ ފުލުހަށް ހުށަހެޅުމަށެވެ.

އިބްރާގެ އެ ޓުވިޓާ ގުޅިގެން ވަރަށް ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހު ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހަރާކޮށްލަން ހަމަލާއެއް ދީފައިވަނިކޮށް އެފަދަ މޭރުމަކުން އިބްރާ ޓުވީޓު ކުރެއްވުމުން ގިނަބަޔަކު ވަނީ ފާޑު ވެސް ކިޔައިފައެވެ.

އެ ޓުވީޓާ ގުޅުވައިގެން މިއަދު އިބްރާ ވަނީ ބޮންޑޭ އާއި، ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އިތުރުން ފުލުހުންގެ މުއައްސަސާ ޓެގުކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ.

"މިއަދަކީ 15 މެއި. ބޮމެއް ނުގޮވާ، ލެޔެއް ނުއޮހޮރޭ، ޓެރަރިޒަމްގެ އަމަލެއް ނުފެނޭ. އެކަމަކު 'ގެއްލުވާނުލިޔަސް' ގެއްލިއްޖެ" މިއަދު ކުރެއްވި ޓުވީޓުގައި އިބްރާ ވިދާޅުވިއެވެ.

ނަޝީދު ގެއްލިއްޖެކަމަށް އިބްރާ ވިދާޅުވެ ޓުވީޓު ކުރެއްވީ އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދުގެ ތާއީދާއެކު ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ބަލިވުމުވުން، އެ އިންތިހާބުން މޮޅުވި އިބްރާގެ ކޮއްކޮ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއިދާއެކު ނުކުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ނަޝީދު މަރުހަބާ ވިދާޅުނުވުމުން ކަމަށް ބެލެވެއެވެ. ނަމަވެސް އިބްރާ އެ ޓުވީޓު ކުރެއްވި ފަހުން ނަޝީދު ވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެފައެވެ.

ފައްޔާޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފައްޔާޒަށާއި އޭނާގެ ކެމްޕޭން ޓީމާއި އިންތިގެ ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ފަޔާގެ ޗެއާޕާސަންކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދައިދޭނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާކެމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ޓުވީޓު ރީޓުވީޓު ކުރައްވައި ފައްޔާޒް ވިދާޅުވީ، ނަޝީދުގެ އިރުޝާދުގެ ދަށުން އެމްޑީޕީން މަސައްކަތްކުރާނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ރާއްޖެ ތަރައްގީކުރަން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 58 ޕަސަންޓު ހޯއްދަވައިގެންނެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސަންޓެވެ.